ކުރިޔަށް އޮތްތާގައި މަސައްކަތް ކުރާނީ، ނާކާމިޔާބީން ފިލާވަޅު ލިބިގެން: ރައީސް

ކުރިޔަށް އޮތްތާގައި މަސައްކަތް ކުރާނީ، ނާކާމިޔާބީން ފިލާވަޅު ލިބިގެން: ރައީސް

Author
ހުސައިން
18 އޭޕްރިލް 2026 11:11
0

ނިމިގެންދިޔަ އިންތިޚާބުތަކުގައި ލިބުނު ކާމިޔާބީއާ އެއްވަރަށް ނާކާމިޔާބީވެސް ޤަބޫލުފުޅުކުރައްވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މަސައްކަތްކުރައްވާނީ އެކަންކަމުން ފިލާވަޅު ލިބިވަޑައިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރަސްދޫ، އުކުޅަސް އަދި ތޮއްޑޫގައި ވެރިކަންކުރާ ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ތިބީ އިޚްލާޞްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރަން ކަމަށެވެ. އެހެންކަމުން ބައެއް ދާއިރާތަކުން ބޮޑެތި ކާމިޔާބީތައް ލިބުނު ނަމަވެސް، އަނެއްބައި ދާއިރާތަކުން ކުރިމަތިވި ނާކާމިޔާބީގެ ޙަޤީޤަތްވެސް ޤަބޫލުކުރަންޖެހޭނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އިންތިޚާބު އޮޅުވާލީކަމަށް ބުނެ، ކަންކަން ޤަބޫލުނުކޮށް ލޯމަރާލުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ ނިންމުން ފުރިހަމައަށް ބަލައިގަންނަވާކަން ހާމަކުރައްވަމުން، ރައީސް ވިދާޅުވީ ރައްޔިތުން އެދޭ ގޮތަށް ކަންކަން އިޞްލާޙުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. އަދި އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމުގައި ސާބިތުވެ ހުންނަވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވައި، އެކަމުގައި ރައްޔިތުންގެ އެއްބާރުލުމަށް އެދިވަޑައިގަތެވެ.

މީގެ އިތުރުން، ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ނެގި ވޯޓު ނާކާމިޔާބުވުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެކަން އެހެން ދިމާވީ ޕާޓީގެ ފަރާތުން ރައްޔިތުންނަށް އެކަން އެންމެ ރަނގަޅަށް އޮޅުންފިލުވައި ނުދެވުމުން ކަމަށެވެ. މިއީ ލިބުނު ވަރަށް ރަނގަޅު ފިލާވަޅެއްކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި ޕާޓީ އިތުރަށް ވަރުގަދަކޮށް، ކާމިޔާބީތައް ދެމެހެއްޓުމަށް ވިސްނުންތެރިކަމާއެކު މަސައްކަތްކުރައްވާނެކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.