ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ދާދިފަހުން ބޭއްވި އިންތިޚާބުގެ ނަތީޖާއާމެދު އުފެދުނު ޚިޔާލުތަފާތުވުންތަކާ ގުޅިގެން، ވެރިކަންކުރާ ޕީއެންސީގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިފިއެވެ.
މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި މީދޫ ދާއިރާގެ ވަގުތީ ނަތީޖާ ފުރަތަމަ ދެއްކި ގޮތުން ކުރީގައި އޮތީ 393 ވޯޓާއެކު ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމެވެ. އެމްޑީއޭގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދަށް ލިބުނީ 392 ވޯޓެވެ. ނަމަވެސް، ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮއްޓަކަށް ވޯޓުލުމުގެ ޙައްޤު ނެތް މީހަކު ވޯޓުލާފައިވާ މައްސަލައަކާއި، ބާތިލު ވޯޓެއްގެ މައްސަލަ ފެންމަތިވެ، ދެ ޕާޓީންވެސް ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ޝަކުވާ ހުށަހަޅާފައެވެ.
މި ޝަކުވާތަކާ ގުޅިގެން އީސީގެ ކޮމްޕްލެއިންޓްސް ބިއުރޯއިން މައްސަލަ ޖެހުނު ވޯޓު ބާތިލުކޮށް، ނަތީޖާއިން އެ ވޯޓު އުނިކުރުމަށް ނިންމިއެވެ. އެ ނިންމުމާއެކު އަލުން ވޯޓު ގުނިއިރު، އެމްޑީއޭގެ ކެންޑިޑޭޓް ޝާހިދު ވަނީ އެންމެ ވޯޓެއްގެ ތަފާތުން ކައުންސިލްގެ ރައީސްކަން ކާމިޔާބުކުރައްވާފައެވެ. ބުރާސްފަތި ދުވަހު އީސީން އިޢުލާންކުރި ރަސްމީ ނަތީޖާ ދައްކާގޮތުން ޝާހިދަށް 392 ވޯޓު ލިބުނުއިރު، ސުހާއަށް ލިބުނީ 391 ވޯޓެވެ. އަދި އަމިއްލަ ގޮތުން ވާދަކުރި އިބްރާހީމް ނަސީމަށް 100 ވޯޓު ލިބިފައިވެއެވެ.
މި ނަތީޖާއާ ގުޅިގެން ޕީއެންސީން ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވީނަމަވެސް، އެ މައްސަލަ ބަލައިގަތުމާމެދު ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު ބުނާގޮތުން އިންތިޚާބީ މައްސަލަތައް ބެލުމުގެ ފުރަތަމަ މަރްޙަލާގެ އިޚްތިޞާޞް ލިބިގެންވަނީ ހައިކޯޓަށެވެ. އަދި ރަސްމީ ނަތީޖާ އިޢުލާންކުރާ ތާރީޚުން ފެށިގެން ގިނަވެގެން 14 ދުވަހުގެ ތެރޭގައި ކޯޓަށް މައްސަލަ ހުށަހަޅަންޖެހެއެވެ.
މީގެ އިތުރުން، ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުން ދެވަނަ ބުރެއް ބާއްވަންޖެހުނު ފަސް ދާއިރާއެއްގެ ވޯޓުލުން މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާކަންވެސް ފާހަގަކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ