މުދަލުން ޒަކާތް ނެރުން ފަސްކޮށް، ޒަކާތް ނުދީ ހިފެހެއްޓުމަކީ މުދާ ރައްކާތެރިކޮށްދޭނެ ކަމެއް ނޫން ކަމަށާއި، އޭގެ ސަބަބުން މުދަލުން ބަރަކާތް ކެނޑިގެންދާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
"އިޖުތިމާއީ އަދާލަތު ގާއިމުކުރުމުގައި ޒަކާތުގެ ދައުރު" މި މައުޟޫއަށް މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ޚުތުބާގައި އަލިއަޅުވާލާފައިވަނީ ޒަކާތުގެ މުހިންމުކަމާއި އޭގެ ސަބަބުން މުޖުތަމައަށް ލިބޭ ފައިދާތަކުގެ މައްޗަށެވެ. ޚުތުބާގައި ބުނެފައިވަނީ ޒަކާތަކީ ހަމައެކަނި އަދާކޮށްލާ ދީނީ ވާޖިބެއް ނުވަތަ ދެވޭ ސަދަގާތެއް ނޫން ކަމަށާއި، އެއީ މާތް ﷲ ފަރުޟުކުރައްވާފައިވާ އިސްލާމްދީނުގެ މުހިންމު ރުކުނެއް ކަމަށެވެ. އަދި އެއީ ނިކަމެތިންނަށް ކުރެވޭ އިހުސާންތެރިކަމަކަށްވުރެ ބޮޑަށް، އެމީހުންނަށް ކަނޑައެޅިގެންވާ ޙައްޤެއްކަން ކީރި ޤުރުއާނުގެ އާޔަތްތަކުން ސާބިތުވާކަން ވަނީ ފާހަގަކޮށްފައެވެ.
ނަމާދާއި ޒަކާތާ އޮތް ގުޅުމަށް އިޝާރާތްކުރަމުން ޚުތުބާގައި ބުނީ، ނަމާދަކީ އިންސާނާއާއި ހެއްދެވި ފަރާތާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށްދޭ އަޅުކަމަކަށްވާއިރު، ޒަކާތަކީ ﷲ ގެ މަޚުލޫޤުންނާ އިންސާނާއާ ގުޅުވައިދޭ މުހިންމު ވަސީލަތް ކަމަށެވެ. ޒަކާތް ނެރުމުގެ ސަބަބުން ދަހިވެތިކަމާއި މުށްބާރުކަމުން ނަފުސު ތާހިރުކޮށްދީ، މުދަލުގައި އަންދާޒާ ނުކުރެވޭހާ ބަރަކާތް ލައްވާނެކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން، ޒަކާތުގެ ސަބަބުން މުޖުތަމައަށް އަންނަ ހެޔޮ ބަދަލުތައް ތާރީޚުންނާއި މިޒަމާނުގެ މިސާލުތަކުން ޚުތުބާގައި ވަނީ ދައްކައިދީފައެވެ. އެގޮތުން ޚަލީފާ އުމަރު ބިން އަބްދުލްއަޒީޒުގެ ވެރިކަމުގައި ޒަކާތުގެ ނިޒާމުން ގެނައި ކުރިއެރުމާއި، ފަހުގެ ތާރީޚެއްގައި އިންޑޮނޭޝިއާގައި އެންމެ އަހަރެއްގެ ތެރޭގައި 1.53 މިލިއަން މީހުން ޒަކާތުގެ ސަބަބުން ފަގީރުކަމުން ސަލާމަތްވިކަން ވަނީ ފާހަގަކޮށްފައެވެ. އަދި މެލޭޝިއާ ފަދަ ޤައުމުތަކުގައި ޒަކާތުގެ އެހީގައި ތައުލީމު ހާސިލުކުރާ ނުވަތަ ވިޔަފާރި ފަށާ މީހުން އަމިއްލަ ފައިމައްޗަށް ތެދުވެ، ފަހުން ޒަކާތް ދޭ މީހުންނަށް ބަދަލުވަމުންދާކަން ފާހަގަކޮށް، ރާއްޖޭގައި ވެސް ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ޒަކާތް ދެއްކުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
ކޮމެންޓު ފޮނުވާ