ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ފަރާތްޕުޅުން ދިވެހިރާއްޖެއަށް 50 ޓަނުގެ ކަދުރު މިއަދު ހަދިޔާކުރައްވައިފިއެވެ.
ކިންގް ސަލްމާން ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރު މެދުވެރިކޮށް ފޯރުކޮށްދިން މި ކަދުރު ދިވެހި ސަރުކާރާ ހަވާލުކުރުމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ސައުދީ ސަރުކާރުގެ ފަރާތުން ކަދުރުތައް ހަވާލުކޮށްދެއްވީ ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއެވެ. އަދި ރާއްޖޭގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
މިއަދު ހަވާލުކުރި 50 ޓަނުގެ ކަދުރުގެ އިތުރުން، ސައުދީގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މީގެ ކުރިންވެސް ވަނީ ރާއްޖެއަށް 15 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ. އިސްލާމިކް މިނިސްޓްރީން އަންނަނީ އެ ކަދުރުތައް މުޖުތަމައުގެ އެކި ފަރާތްތަކަށް ފޯރުކޮށްދެމުންނެވެ. ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ ތެރެއިން ސައުދީން އަންނަނީ ކޮންމެ އަހަރަކުވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ކަދުރު ހަދިޔާކުރަމުންނެވެ.
ކޮމެންޓު ފޮނުވާ