ޝިއާއުގެ މަރުގެ މައްސަލަ: ސާހިލްގެ މައްޗަށް ދެ ދައުވާއެއް ސާބިތުވެ ޖަލަށްލާން ހުކުމްކޮށްފި

ޝިއާއުގެ މަރުގެ މައްސަލަ: ސާހިލްގެ މައްޗަށް ދެ ދައުވާއެއް ސާބިތުވެ ޖަލަށްލާން ހުކުމްކޮށްފި

Author
އަހުމަދު
14 އޭޕްރިލް 2026 05:49
0

މާލޭގައި ނުހަނު އަނިޔާވެރި ގޮތަކަށް ޝިއާއު މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލް އަލީގެ މައްޗަށް ދެ ދައުވާއެއް ސާބިތުވެ، އޭނާ ތިން އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

އާންމުންނަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްގެން ކުރިއަށްގެންދާ މި ޝަރީއަތުގައި، ދައުލަތުން ސާހިލްގެ މައްޗަށް ޖުމްލަ ފަސް ދައުވާއެއް ވަނީ އުފުލާފައެވެ. ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅާފައިވަނީ އޭގެ ތެރެއިން ދެ ދައުވާއެއް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން އެ ދެ ކުށުގެ އަދަބެއްގެ ގޮތުން ކޯޓުން ވަނީ 3 އަހަރާއި 1 މަހާއި 6 ދުވަހުގެ މުއްދަތަކަށް ސާހިލް ޖަލަށްލުމަށް ހުކުމްކޮށްފައެވެ.

މި މައްސަލައިގައި ދެން ހިމެނޭ ބާކީ ތިން ދައުވާގެ ހުކުމް އަދި ނުއިއްވައެވެ. ކޯޓުން މައުލޫމާތު ދޭގޮތުގައި އެ ތިން ދައުވާގެ ހުލާސާ ބަޔާން ހުށަހެޅުން މި މަހުގެ ފަހުކޮޅަށް މިހާރު ވަނީ ތާވަލުކުރެވިފައެވެ.

އޮގަސްޓް 2023 ގައި ހިނގާދިޔަ މި ހާދިސާއަކީ ރާއްޖޭގެ ތާރީހުގައިވެސް ހިނގި އެންމެ އަނިޔާވެރި އަދި އެންމެ ބޮޑު ސަމާލުކަމެއް ލިބިގެންދިޔަ އެއް މަރުގެ ހާދިސާއެވެ. ފުވައްމުލަކަށް ނިސްބަތްވާ ޝިއާއު މަރާލުމަށްފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު، މި މައްސަލައިގެ ތަހުގީގާއި ޝަރީއަތް ކުރިއަށްދާ ގޮތް ގިނަ ބަޔަކު އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.