ކެބިނެޓުގެ އިތުރު ވަޒީރުންތަކެއް އިސްތިއުފާ ދެއްވައިފި

ކެބިނެޓުގެ އިތުރު ވަޒީރުންތަކެއް އިސްތިއުފާ ދެއްވައިފި

Author
އަހުމަދު
14 އޭޕްރިލް 2026 02:29
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ގިނަ ވަޒީރުންތަކެއް މިއަދު ކުއްލި ގޮތަކަށް މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

މިކަން ރައީސް އޮފީހުން ކަށަވަރުކޮށްދީފައިވާއިރު، މިއަދު އިސްތިއުފާ ދެއްވި އިސް ބޭފުޅުންގެ ތެރޭގައި ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫނާއި، ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމްގެ އިތުރުން ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފާއި، އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާއާއި، ޔޫތު މިނިސްޓަރު އިބްރާހީމް ވަޙީދު (އަސްވާޑު) އަދި ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް ވެސް ވަނީ މަޤާމުން ދުރަށްވަޑައިގެންފައެވެ.

މިހާ ގިނަ އަދަދެއްގެ ވަޒީރުންތަކެއް އެއްފަހަރާ އިސްތިއުފާ ދެއްވި ވަކި ސަބަބެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ސަރުކާރުގެ އިސް މަޤާމުތަކަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ މި ދަނޑިވަޅުގައި، މިއަދު ވަނީ ޚާރިޖީ ވަޒީރު ޢަބްދުﷲ ޚަލީލް ވެސް މަޤާމުން ވަކިކުރައްވާފައެވެ.

ކެބިނެޓަށް އައި މި ކުއްލި ބަދަލުތަކުގެ ކުރިން، އިއްޔެގެ ވަގުތެއްގައި ރައީސް އޮފީހުގެ ވަޒީރުކަމުގައި ހުންނެވި ޢަލީ އާރިފް ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި ހަމައެހެންމެ، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިސްވެރިން ވެސް އަންނަނީ މަޤާމުން އިސްތިއުފާ ދެއްވަމުންނާއި މަޤާމުން ވަކިކުރެވެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.