އެއްމެދު އިމާރާތުގެ ގާނޫނުގެ ދަށުން، ހުޅުމާލޭގެ އެއްމެދު އިމާރާތްތައް ބެލެހެއްޓުމަށްޓަކައި މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
މި މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ މެނޭޖްމަންޓް ކޯޕަރޭޝަންތައް އުފެއްދުމަށް ހަމަޖެހިފައިވަނީ ވިނަރެސް ފްލެޓްތަކުގައެވެ. ވިނަރެސްގެ އިމާރާތްތައް ތިން ސްޓްރާޓާއަކަށް ބަހާލައިގެން، ފުރަތަމަ އަހަރީ އާންމު ޖަލްސާތައް މި މަހުގެ 26، 27 އަދި 28 ވަނަ ދުވަހު ބޭއްވުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ.
މި ޖަލްސާތަކުގެ މައިގަނޑު މަގުސަދަކީ އިމާރާތްތަކުގެ ކަންކަން ބެލެހެއްޓުމަށް މެނޭޖްމަންޓް ކޯޕަރޭޝަނެއް އެކުލަވާލައި، އެތަން ހިންގާނެ ކައުންސިލެއް އިންތިހާބުކުރުމެވެ. ކޮންމެ ސްޓްރާޓާއަކުން ވަކިން އިންތިހާބުކުރާ ކައުންސިލްގައި ހިމެނޭނީ ރައީސަކާއި، ހަޒާންދާރަކާއި، ސެކްރެޓަރީއެއްގެ އިތުރުން އާންމު މެންބަރެކެވެ. އިންތިހާބުކުރެވޭ ކައުންސިލާ އެ ސްޓްރާޓާއެއްގެ އިމާރާތްތައް ބެލެހެއްޓުމުގެ މުޅި ޒިންމާ ހަވާލުކުރެވޭނެއެވެ.
ވިނަރެސްގެ ޓަވަރުތައް ބަހާލެވިފައިވާ ތިން ސްޓްރާޓާއަކީ 564 ޔުނިޓް ހިމެނޭ ސްޓްރާޓާ 1 (ޓަވަރު 1 އިން 4 އަށް)، 492 ޔުނިޓް ހިމެނޭ ސްޓްރާޓާ 2 (ޓަވަރު 5 އިން 8 އަށް) އަދި 288 ޔުނިޓް ހިމެނޭ ސްޓްރާޓާ 3 (ޓަވަރު 9 އަދި 10) އެވެ. މި ސްޓްރާޓާތަކުގެ ފުރަތަމަ ޖަލްސާގައި ފްލެޓްތަކުގެ ވެރިންނާއި، އެޗްޑީސީ އަދި ހައުސިންގ މިނިސްޓްރީގެ މަންދޫބުން ބައިވެރިވާނެއެވެ. ގާނޫނު ލާޒިމްކުރާ ގޮތުން ކޮންމެ އަހަރަކު އެއްފަހަރު މި ޖަލްސާ ބާއްވަން ޖެހޭނެއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ޖަލްސާ އިންތިޒާމުކުރުމަކީ އިންތިހާބުކުރާ ކައުންސިލްގެ ޒިންމާއެކެވެ.
ވިނަރެސް ފްލެޓްތަކުގެ ކޯޕަރޭޝަންތައް އެކުލަވާލައި ނިމުމުން، ހުޅުމާލޭގައި ހުރި އެހެނިހެން އެއްމެދު އިމާރާތްތަކަށްވެސް މިފަދަ ކޯޕަރޭޝަންތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ. މިއީ އިމާރާތްތަކުގެ އާންމު ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށާއި، ދިގު މުއްދަތަކަށް ތަން ބެލެހެއްޓުން ހަރުދަނާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
ކޮމެންޓު ފޮނުވާ