ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ސޯބެއަށް ރައީސް ޞާލިޙްގެ ތާއީދު

ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ސޯބެއަށް ރައީސް ޞާލިޙްގެ ތާއީދު

Author
ހުސައިން
13 އޭޕްރިލް 2026 08:15
0

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވުމަށް، އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤު (ސޯބެ) އަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފުރިހަމައަށް ތާއީދުކުރައްވައިފިއެވެ.

އެ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، ކުރިން އެ މަޤާމުގައި ހުންނެވި މުޙައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެ އެ ފައިސާ ނުދައްކާ އޮތުމުގެ ސަބަބުން، އޭނާގެ ގޮނޑި ގެއްލިފައިވާކަމަށް އިއްޔެ ސުޕްރީމް ކޯޓުން ޙުކުމް ކުރުމާ ގުޅިގެންނެވެ. މިއާއެކު ބާއްވަން ޖެހޭ ބައި-އިލެކްޝަންގައި ވާދަކުރެއްވުމަށް ގިނަ ބަޔަކު ޝައުޤުވެރިކަން ފާޅުކުރަމުންދާއިރު، ސޯބެ ވެސް ވަނީ އެމްޑީޕީގެ ޓިކެޓަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

ސޯބެގެ މި ނިންމެވުމަށް ހިތްވަރު ދެއްވައި ރައީސް ޞާލިޙް މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސޯބެއަކީ އެމްޑީޕީގެ އިސްލާޙީ މަސައްކަތްތަކުގައްޔާއި ޑިމޮކްރަސީ ގެނައުމަށް ކުރެވުނު މަސައްކަތްތަކުގެ އިސް ސަފުގައި ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. އަދި އޭނާއަކީ ހިތަދޫއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އައްޑޫގެ އަގުހުރި ދަރިއެއްކަން ފާހަގަކުރައްވައި، ކުރިއަށް އޮތް އިންތިޚާބުގައި ސޯބެއަށް އެމަނިކުފާނުގެ ފުރިހަމަ ތާއީދު އޮތްކަން ވަނީ ހާމަކުރައްވާފައެވެ.

އައްޑޫ ސިޓީގެ މޭޔަރުކަން އެންމެ ފަހުން ސޯބެ ކުރައްވާފައިވަނީ 2020 ވަނަ އަހަރުއެވެ. އޭގެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ޕްރައިމަރީގައި އޭނާ ވާދަކުރެއްވި ނަމަވެސް، އެފަހަރު ވަނީ ނާކާމިޔާބީއާ ކުރިމަތިލައްވައި މޭޔަރުކަމުގެ އިތުރު ދައުރަކަށް ވަޑައިގަތުމުގެ ފުރުޞަތު ގެއްލިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.