ފުޓްސަލް ކޮމްޕްލެކްސް އާއި ނެޓްބޯޅަ ކޮމްޕްލެކްސް ތަރައްޤީކުރުމަށް ބޭނުންވާ ބަޖެޓާއި ބިން މިހާރު ހަމަޖެހިފައިވާކަމަށް، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، މި ދެ މަޝްރޫޢުގެ ކުރެހުންތައް ފަރުމާކުރުމުގެ މަސައްކަތް މިހާރު ދެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްދާ ކަމަށެވެ. އަދި ބިމާއި ފައިސާގެ ކަންކަން ހަމަޖެހިފައިވުމާއެކު، އިރާދަކުރެއްވިއްޔާ މި ހިނގާ މަހުގެ ތެރޭގައި މި ތަންތަން އެޅުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
މި ދެ ކޮމްޕްލެކްސްއަކީވެސް ބައިނަލްއަޤްވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވޭނެ ފަދަ ޒަމާނީ ފެންވަރަށް ތަރައްޤީކުރެވޭނެ ތަންތަނެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީ މަހު ރިޔާސީ ބަޔާން އިއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އިންޓަނޭޝަނަލް މެޗުތައް ކުޅެވޭނެ މައި ސްޓޭޑިއަމްއެއްގެ އިތުރުން 4 އިންޑޯ ޓްރެއިނިންގ ޕިޗު ހިމެނޭހެން ސްޓޭޓް އޮފް ދަ އާޓް މަލްޓި ސްޓޯރީ އިންޑޯ ފުޓްސަލް ކޮމްޕްލެކްސްއެއް ބިނާކުރައްވާނެކަން އިޢުލާންކުރައްވާފައެވެ. އަދި ނެޓްބޯޅަ ކޮމްޕްލެކްސްވެސް ތަރައްޤީކުރެވިގެންދާނީ ހަމަ މިފަދަ ބައިނަލްއަޤްވާމީ ފެންވަރަކަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ