**ރައީސްގެ ނޫސްވެރިންގެ ބައްދަލުވުންތައް އުސޫލާ އެއްގޮތަށް ގަވާއިދުން ކުރިއަށްދާނެ: ހީނާ

**ރައީސްގެ ނޫސްވެރިންގެ ބައްދަލުވުންތައް އުސޫލާ އެއްގޮތަށް ގަވާއިދުން ކުރިއަށްދާނެ: ހީނާ

Author
ޙަސަން މުޙައްމަދު
13 އޭޕްރިލް 2026 03:56
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންނާއެކު ބާއްވަމުން ގެންދަވާ ބައްދަލުވުންތައް، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން މެދުކެނޑުމެއްނެތި ކުރިއަށްދާނެކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިދިޔަ މާރިޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބާއްވަމުން އަންނަ މި ސިލްސިލާ ބައްދަލުވުންތައް ކުރިއަށް އޮތް ތަނުގައިވެސް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ގަވާއިދުން ކުރިއަށް ގެންދަވާނެ ކަމަށެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައިވަނީ، ކޮންމެ ހޯމަ ދުވަހެއްގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ. ނަމަވެސް، އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވުމާއި، ރައީސް ދަތުރުފުޅެއްގައި އުޅުއްވުމުގެ އިތުރުން ޝެޑިއުލަށް އަންނަ ކުއްލި ބަދަލުތަކާ ގުޅިގެން ބައްދަލުވުން ނުބޭއްވޭނެ އިސްތިސްނާ ހާލަތްތަކެއް ވާކަންވެސް އެމަނިކުފާނު ވަނީ ކުރިން ފާހަގަކުރައްވާފައެވެ. އެހެންކަމުން މިފަދަ ހާލަތެއް މެދުވެރިނުވާހާ ހިނދަކު، ކުރިއަށް އޮތް ހަފުތާތަކުގައިވެސް ބައްދަލުވުންތައް އޮންނާނެ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ރައީސް ވަނީ މި އުސޫލުގެ ދަށުން ތިން ފަހަރެއްގެ މަތިން ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކަކީ ސަރުކާރުގެ މުހިންމު ސިޔާސަތުތަކާއި ހިނގަމުންދާ ކަންކަމާ ގުޅޭގޮތުން ނޫސްވެރިން އަމާޒުކުރާ ސުވާލުތަކަށް އެމަނިކުފާނު ސީދާ ޖަވާބުދެއްވުމަށް ބާއްވަވާ ބައްދަލުވުންތަކެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.