މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހިމް އަހުމަދު (މަނިކު ސޭޓު) ގެ އާއިލާ އުމްރާއަށް ގޮސްވީ ވަގުތު، އޭނާގެ ގެއިން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި އާއިލާ މީހަކު ހިމެނޭހެން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
މާލޭގައި ފުޅާދާއިރާއެއްގައި ވިޔަފާރިކުރަމުން އަންނަ މަނިކު ސޭޓުގެ މަޖީދީ މަގުގައި ހުންނަ ނަލަހިޔާ ރެސިޑެންސް އެޕާޓްމަންޓުގެ ތިޖޫރީން މި ފައިސާ ވަގަށް ނަގާފައިވަނީ ނިމިދިޔަ ރޯދަ މަހުގެ ފަހު ދިހައެއްގައެވެ. މި ކަމުގައި އިސްކޮށް ހުރީ އޭނާގެ އާއިލާއަށް ނިސްބަތްވާ ރ. މަޑުއްވަރީ، އިސްމާއިލް އާސިފް (36އ) ކަމަށް މައުލޫމާތު ލިބިފައި ވެއެވ. އެނގިފައިވާ ގޮތުގައި އާއިލާ މީހުން އުމްރާއަށް ދިޔައިރު ގޭގައި ހުރީ އޭނާ އެކަންޏެވެ. އަދި އޭގެ ކުޑަ ދުވަސްކޮޅެއް ކުރިން މަނިކު ސޭޓު ވަނީ އާސިފަށް ވަޒީފާއެއްވެސް ހަމަޖައްސައިދީފާކަމަށް އެނގިފައި ވެއެވެ.
އާސިފަކީ މީހަކަށް ވަޅިން ހަމަލާދިން މައްސަލައެއްގައި 2022 ވަނަ އަހަރު 10 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް، މުއްދަތު ހަމަނުވަނީސް މިނިވަންކޮށްފައި ހުރި މީހެކެވެ. މިދިޔަ މަހުގެ 16 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މި ވައްކަމުގެ މައްސަލައިގައި އާސިފްގެ އިތުރުން ދެން ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު ކަސްތޫރިމާގޭ މުހައްމަދު ނޫރު އަހްމަދު (40އ)، ސ. މީދޫ މޫންލައިޓްވިލާ މުހައްމަދު އަފްރާހް (40އ) އަދި މ. އޭސިއާ އަހްމަދު ފާރިސް (39އ) އެވެ. މީގެ އިތުރުންވެސް މި މައްސަލައާ ގުޅުންހުރި އިތުރު މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ގެއްލުނު ހަތަރު މިލިއަން ރުފިޔާގެ ތެރެއިން ފުލުހުންނަށް މިހާތަނަށް ހޯދިފައިވަނީ އެންމެ ބައި ލައްކަ ރުފިޔާއެވެ. ނަމަވެސް މި މައްސަލައިގެ ތަހުގީގުގެ ބޮޑުބައި މިހާރު ނިމިފައިވާއިރު، ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ