ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް 60 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތު، ތަފާތު ގިނަ ހަރަކާތްތަކަކާއެކު މިއަދު ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
މި މުނާސަބަތާ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތްތައް ފެށިގެންދިޔައީ މިއަދު ހެނދުނު 6:00 ގައި ޓާރމިނަލް 1 ގެ ކުރިމަތީގައި ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތަކުންނެވެ. މި ރަސްމިއްޔާތުގައި ދިދަ ނަންގަވައިދެއްވީ އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ލަތީފެވެ. އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ލަމްޢާންގެ އިތުރުން ކުންފުނީގެ ގިނަ އަދަދެއްގެ އިސްވެރިންނާއި މުވައްޒަފުން މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއިރު، ދުވަހާ ގުޅޭ ޚާއްޞަ ކޭކެއް ފެޅުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު، އެމްއޭސީއެލްގެ މެނޭޖްމަންޓްގެ ބޭފުޅުން ވަނީ ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކަށް ޒިޔާރަތްކުރައްވައި، މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. އަދި މުވައްޒަފުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި، އެފަރާތްތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް ވަނީ ހިތްވަރު ދެއްވާފައެވެ.
މީގެ އިތުރުން، އަހަރީ ދުވަހުގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން މިއަދު ހަވީރު ވަނީ ޚާއްޞަ ރަސްމިއްޔާތަކާއެކު ހަވީރުގެ ސަޔެއް ބާއްވާފައެވެ. މި ހަފްލާގައި، އަހަރީ ދުވަހުގެ ލޯގޯ ފަރުމާކުރުމަށް ހުޅުވާލި މުބާރާތުން އެއްވަނަ ހޯދި މުވައްޒަފަށާއި، ދުވަހާ ގުޅުވައިގެން ޑިޕާޓްމަންޓްތަކުގެ މެދުގައި ބޭއްވި އޮފީސް ޒީނަތްތެރިކުރުމުގެ މުބާރާތުން އެއްވަނަ ހޯދި ޑިޕާޓްމަންޓަށް ވަނީ އިނާމު ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ