ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 15 އިންސައްތަ އިތުރުވެފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.
މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ޑޮލަރުން ބަލައިގަނެފައިވާ އާމްދަނީ ވަނީ 512.4 މިލިއަން ޑޮލަރަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 441.8 މިލިއަން ޑޮލަރާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. ހަމައެކަނި ނިމިދިޔަ މާރިޗު މަހަށް ބަލާއިރުވެސް ދައުލަތަށް 208 މިލިޔަން ޑޮލަރު ލިބިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރުގެ މާރިޗު މަހު ލިބުނު 178 މިލިޔަން ޑޮލަރަށްވުރެ 16 އިންސައްތަ އިތުރު އަދަދެކެވެ.
މި މުއްދަތުގައި ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސްތަކާއި ފީތަކުންނެވެ. އެގޮތުން ޓީ-ޖީއެސްޓީގެ ގޮތުގައި 269 މިލިޔަން ޑޮލަރު ލިބިފައިވާއިރު، އިންކަމް ޓެކްސްގެ ގޮތުގައި 56 މިލިޔަން ޑޮލަރު އަދި ގްރީން ޓެކްސްގެ ގޮތުގައި 47 މިލިޔަން ޑޮލަރު ވަނީ ބަލައިގަނެފައެވެ. މީގެ އިތުރުން އެއާޕޯޓު ޑިވެލޮޕްމަންޓު ފީއިން 37 މިލިޔަން ޑޮލަރު، ޑިޕާޗަރ ޓެކްސްއިން 36 މިލިޔަން ޑޮލަރު އަދި ލޭންޑު އެކިއުޒިޝަން އެންޑު ކޮންވާޝަން ފީގެ ގޮތުގައި 35 މިލިޔަން ޑޮލަރު ދައުލަތަށް ލިބިފައިވެއެވެ.
މީރާއިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ނިމިދިޔަ އަހަރު ޖުމްލަކޮށް ޑޮލަރުން ލިބުނު އާމްދަނީ ވަނީ 1.4 ބިލިޔަން ޑޮލަރަށް އަރާފައެވެ. މިއީ 2024 ވަނަ އަހަރު ލިބުނު އެއް ބިލިޔަން ޑޮލަރާ އަޅާބަލާއިރު 37 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
ކޮމެންޓު ފޮނުވާ