އެމެރިކާގެ ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް، 2028 ވަނަ އަހަރު އޮންނަ އެމެރިކާގެ 61 ވަނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވައިފިއެވެ.
ނިއުޔޯކް ސިޓީގައި ކުރިއަށްދިޔަ ނޭޝަނަލް އެކްޝަން ނެޓްވޯކް ކޮންފަރެންސްގެ ތެރެއިން މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ކަމަލާ ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ ރޭހަށް ނުކުމެވަޑައިގަތުމާ މެދު ވިސްނަވަމުން ގެންދަވާ ކަމަށާއި، ފަހަރެއްގައި އެ އިންތިޚާބުގައި ވާދަކުރެއްވުން އެކަށީގެންވާ ކަމަށެވެ.
އެމެރިކާގެ ތާރީޚުގައި ވެސް ބޮޑު ޕާޓީއެއްގެ ރިޔާސީ ޓިކެޓް ހޯއްދެވި ކަޅު ނަސްލަށް އަދި ދެކުނު އޭޝިއާއަށް ނިސްބަތްވާ ފުރަތަމަ އަންހެން ބޭފުޅާ ކަމަށްވާ ކަމަލާއަށް ޑިމޮކްރެޓިކް ޕާޓީގެ ނޮމިނޭޝަން ލިބިވަޑައިގަތީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރައީސް ޖޯ ބައިޑެން ރޭހުން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ. ނަމަވެސް އެ އިންތިޚާބުގައި 226 އިލެކްޓޯރަލް ވޯޓާއެކު އޭނާއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލައްވާން ޖެހިވަޑައިގެންފައެވެ. އެފަހަރުގެ އިންތިޚާބު ކާމިޔާބުކުރެއްވީ 312 ވޯޓު ހޯއްދެވި ރިޕަބްލިކަން ކެންޑިޑޭޓް، ރައީސް ޑޮނަލްޑް ޓްރަމްޕެވެ.
ނޮވެމްބަރު 7، 2028 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓު ހޯއްދެވުމަށް ކަމަލާގެ އިތުރުން ވެސް ގިނަ ބޭފުޅުންތަކެއް މަސައްކަތްކުރައްވާނެ ކަމަށް ބެލެވެއެވެ. އޭގެ ތެރޭގައި އިލިނޯއިގެ ގަވަރުނަރު ޖޭޑީ ޕްރިޓްޒްކާ، ޕެންސިލްވޭނިއާގެ ގަވަރުނަރު ޖޯޝް ޝަޕީރޯ އަދި ކުރީގެ ޓްރާންސްޕޯޓޭޝަން ސެކްރެޓަރީ ޕީޓް ބުޓިޖީޖް ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.
ކޮމެންޓު ފޮނުވާ