ކައުންސިލް އިންތިޚާބުގެ ދާއިމީ ނަތީޖާ މާދަމާ އިޢުލާންކުރަނީ، ހުވާކުރުން އަންނަ މަހުގެ 17 ގައި

ކައުންސިލް އިންތިޚާބުގެ ދާއިމީ ނަތީޖާ މާދަމާ އިޢުލާންކުރަނީ، ހުވާކުރުން އަންނަ މަހުގެ 17 ގައި

Author
ޙަސަން މުޙައްމަދު
10 އޭޕްރިލް 2026 07:42
0

މިމަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ދާއިމީ ނަތީޖާ މާދަމާ އިޢުލާންކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މާދަމާ ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިޚާބުގެ ދާއިމީ ނަތީޖާ އިޢުލާންކުރާނެއެވެ. މިހާތަނަށް ނަތީޖާ ހާމަނުކުރެވި ވަނީ ހަމައެކަނި ޝަކުވާ ހުށަހެޅިފައިވާ ފޮށިތަކުގެއެވެ. އެ ފޮށިތައް އަލުން ގުނުމުގެ މަސައްކަތް އެ ކޮމިޝަނުން ދަނީ ކުރަމުންނެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއް އިންތިޚާބަށް ވާއިރު، މިއީ ކައުންސިލް އިންތިޚާބެއްގައި އެންމެ ގިނަ މީހުން ވޯޓުލީ ފަހަރުވެސްމެއެވެ. އެގޮތުން ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 294،876 މީހުންގެ ތެރެއިން 73 އިންސައްތަ މީހުން ވަނީ މި އިންތިޚާބުގައި ވޯޓުލާފައެވެ.

މި އިންތިޚާބު ކާމިޔާބުކުރި އައު ކައުންސިލަރުން މަޤާމުގެ ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން އިޤްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 17 ވަނަ ދުވަހުއެވެ. ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިހާރު ދަނީ މިކަމުގެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. މި ރަސްމިއްޔާތު ބާއްވާނެ ވަގުތުތައް ކަނޑައަޅާނީ ފަނޑިޔާރުންނާއި ކައުންސިލްތަކާ މަޝްވަރާކުރުމަށްފަހު ކަމަށް އެލްޖީއޭއިން ބުނެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިޞްލާޙާއެކު ކައުންސިލަރުންގެ ދައުރު ފަސް އަހަރަށް ބަދަލުކުރިފަހުން ބޭއްވި މި ފުރަތަމަ އިންތިޚާބުގައި ގިނަ އަދަދެއްގެ ކައުންސިލަރުންނާއި ކޮމިޓީ މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ. މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު މެއި 17 އަށް ހަމަވާއިރު، އައު ކައުންސިލަރުންނަށް ހުވާލައިދެއްވާނީ އެ ރަށެއްގެ ނުވަތަ އެ ދާއިރާއެއްގެ ފަނޑިޔާރުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.