ގއ. ވިލިނގިލީގެ ޑްރަގް ނެޓްވޯކުގެ އިސް މީހުންނަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

ގއ. ވިލިނގިލީގެ ޑްރަގް ނެޓްވޯކުގެ އިސް މީހުންނަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

Author
ޙަސަން މުޙައްމަދު
09 އޭޕްރިލް 2026 07:27
0

"އޮޕަރޭޝަން އަލިމަގު" ގެ ދަށުން ހައްޔަރުކުރި ގއ. ވިލިނގިލީގެ ޑްރަގް ނެޓްވޯކެއްގެ އިސް ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ފޮނުވައިފިއެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލިއަށް ނިސްބަތްވާ ޝައްފާހު ލަތީފު (28އ) އާއި، އަހުމަދު މަދީހު (33އ) އާއި، އަހުމަދު އަނާމް އިބްރާހިމް (30އ) ގެ އިތުރުން ނޫރުއްނިޒާމް (35އ) އެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި ހައްޔަރުކުރި މި ހަތަރު މީހުންވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި 2015 ވަނަ އަހަރުން ފެށިގެން ހަރަކާތްތެރިވަމުން އައި މި ނެޓްވޯކުގެ އިސް މީހުންގެ އެކައުންޓުތަކުން ފާއިތުވި ފަސް އަހަރު ތެރޭގައި 300 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާއާއި ހަތަރު ލައްކައަށްވުރެ ގިނަ އެމެރިކާ ޑޮލަރު ވަނީ ދައުރުކޮށްފައެވެ. އެގޮތުން އަނާމްގެ އެކައުންޓުން 38.8 މިލިއަން ރުފިޔާ، މަދީހުގެ އެކައުންޓުން 17.1 މިލިއަން ރުފިޔާ އަދި ޝައްފާހުގެ އެކައުންޓުން 6.9 މިލިއަން ރުފިޔާ ދައުރުކޮށްފައިވެއެވެ. މިއީ މި މުއްދަތުގެ ތެރޭގައި އެމީހުންނަށް މުސާރައިގެ ގޮތުގައި ލިބުނު މަދު އާމްދަނީއާ އެއްގޮތަކަށްވެސް ނުބައްދަލު، ބޮޑެތި އަދަދުތަކެއްކަން ފުލުހުން ފާހަގަކުރެއެވެ.

މި ހަތަރު މީހުންގެ އިތުރުންވެސް، މި ނެޓްވޯކުގެ އިސް މީހާގެ ދަށުން މަސްތުވާތަކެތި ވިއްކުމާއި ފައިސާ ދޮވުމުގައި އެކި ގޮތްގޮތުން ހަރަކާތްތެރިވި އިތުރު 19 މީހަކު ފުލުހުން ވަނީ ދެނެގަނެފައެވެ. އަދި އެ ފަރާތްތަކުގެ މައްސަލަތައްވެސް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.