ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު 12 އަހަރާއި 6 މަހަށް ޖަލަށްލުމާއެކު، 50,000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މަހުގެ 7 ވަނަ ދުވަހު ކްރިމިނަލް ކޯޓުން މި ހުކުމް އިއްވާފައިވަނީ ސ. ފޭދޫ، ޝީރާޒީގެ، އުމުރުން 32 އަހަރުގެ އަލީ ސާއިމްގެ މައްޗަށެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މަސްތުވާތަކެތި ގެންގުޅެ އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރީ 19 އޮގަސްޓް 2024 ގައެވެ. އެ އޮޕަރޭޝަންގައި އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު، އެގޭގެ އެކި ތަންތަނުގައި ފޮރުވާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ.
މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްފަހު، ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 16 އޮކްޓޯބަރު 2024 ގައެވެ. ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން މިފަދަ ކުށެއްގެ އަސާސީ އަދަބަކީ 25 އަހަރަށް ޖަލަށްލުމާއެކު، 100,000 ރުފިޔާއިން ފެށިގެން 100 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. ނަމަވެސް، ސާއިމްގެ މައްޗަށް އިއްވި ޖަލު ހުކުމާއި ޖޫރިމަނާގެ އަދަދު ލުއިވެފައިވަނީ އޭނާ ދައުލަތާއެކު ވެފައިވާ އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ، މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ކަމާގުޅޭ އެހެން މުއައްސަސާތަކާ ގުޅިގެން ކުރަމުންދާ މަސައްކަތަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅުތައް އެޅުމުގެ ހާއްސަ މަސައްކަތްތަކެއް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަންވެސް ފުލުހުން ވަނީ ދީފައެވެ.
ކޮމެންޓު ފޮނުވާ