ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތްކުރުމަށް، އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑް (އެވްސެކް) އިން 10 ޓްރޭނީން ހޯދަން އިއުލާންކޮށްފިއެވެ.
މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެޕްލައިކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ވަޒީފާއަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށެވެ. ތައުލީމީ ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، ސާނަވީ އިމްތިހާނުން ދިވެހި ހިމެނޭހެން ދެ މާއްދާއަކުން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން، ނުވަތަ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓެއް ހާސިލުކޮށްފައިވުމެވެ.
އެވްސެކް ޓްރޭނީންނަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ރަނގަޅު އާމްދަނީއެއް ލިބޭނެއެވެ. އެގޮތުން އަސާސީ މުސާރައިގެ ގޮތުގައި 7،670 ރުފިޔާ ލިބޭއިރު، 2،300 ރުފިޔާގެ އެލަވަންސަކާއި، މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 160 ރުފިޔާގެ ހާޒިރީ އިނާޔަތެއް ލިބޭނެއެވެ.
ވަޒީފާއަށް އެދޭ ފަރާތްތަކުގެ ތެރެއިން ތައުލީމާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން ޕޮއިންޓު ލިބޭ މީހުން ޝޯޓްލިސްޓުކުރުމަށްފަހު، އިންޓަވިއު އަދި އިމްތިހާނު ކުރުން މި މަހުގެ 19 އިން 30 އަށް ކުރިއަށްދާނެ ކަމަށް އެވްސެކުން މައުލޫމާތުދެއެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް 3013370 ނުވަތަ 3013411 އަށް ގުޅުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.
ކޮމެންޓު ފޮނުވާ