ލޯކަލް ކައުންސިލް އިންތިޚާބާއި އާންމު ވޯޓުން އެމްޑީޕީން ހޯދި ބޮޑު ކާމިޔާބީއާއެކު، މުޅި ރާއްޖެ އަލުން ރަން ރީނދޫވި މަންޒަރު ފެނިގެން ހިނގައްޖެ ކަމަށް އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، މި އިންތިޚާބުގެ ނަތީޖާއިން ރައްޔިތުން ސަރުކާރަށް ވަރަށް ސާފު މެސެޖެއް ދީފައިވާ ކަމަށެވެ. އަދި މި ކާމިޔާބީ ހޯދުމުގައި ބުރަ މަސައްކަތްތަކެއް ކުރެއްވި އެމްޑީޕީގެ ހިތްވަރުގަދަ ކެންޑިޑޭޓުންނާއި، ކެމްޕެއިން ޓީމުތަކުގެ އިތުރުން ރަންރީނދޫ ލަޝްކަރަށް އެމަނިކުފާނު ވަނީ ހިތްވަރު ދެއްވައި ޝުކުރު އަދާކުރައްވާފައެވެ.
ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތަކަށް ބަލާއިރު، މާލެ ހިމެނޭހެން ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަމުގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. އޭގެ އިތުރުންވެސް އަތޮޅުތެރޭގެ ކައުންސިލްތަކުގެ ގިނަ ގޮނޑިތަކެއް އެ ޕާޓީން ވަނީ ކާމިޔާބުކޮށްފައެވެ.
ހަމައެއާއެކު، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ވޯޓުގައި ބައިވެރިވި މީހުންގެ 70 އިންސައްތައަށްވުރެ ގިނަ މީހުން ވަނީ އެ ދެ އިންތިޚާބު އެއްކޮށްލުމާ ދެކޮޅު ހަދާފައެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތެއް ބޭނުންވަނީ ކުރިއެކޭވެސް އެއްގޮތަށް ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ވަކިން ބޭއްވުމަށެވެ.
ކޮމެންޓު ފޮނުވާ