މިއަދު ކުރިއަށްދިޔަ އިންތިޚާބުގައި ވޯޓުލީ މީހުންގެ ނިސްބަތް %70 އަށް އަރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ހަސަން ޒަކަރިއްޔާ ލަފާކުރައްވައިފި އެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޒަކަރިއްޔާ ވިދާޅުވީ، ހަވީރު 4 ޖެހިއިރު ވޯޓުލީ މީހުންގެ ނިސްބަތް %63 ގައި ހުރި ކަމަށެވެ. ލޯކަލް ކައުންސިލް އިންތިޚާބުތަކުގައި ޢާންމުކޮށް ވޯޓުލާން ނުކުންނަނީ %60 އާއި %65 ދެމެދުގެ ނިސްބަތެއްގެ ބަޔަކު ކަމަށްވާތީ، މިފަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު %70 ގައި ނިސްބަތް ހުންނ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވި އެވެ.
ހޫނުމިން ވަރަށް ބޮޑަށް ގަދަވި ނަމަވެސް، ވޯޓުލުމުގެ ކަންކަން ވަރަށް ފުރިހަމައަށް ކުރިއަށް ގޮސްފައިވާ ކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ. ހަވީރު 5 ޖެހިއިރު ކިއޫތައް ބަންދުކުރި ނަމަވެސް، ކިއުގައި ތިބި ހުރިހާ އެންމެންނަށް ވޯޓުލުމުގެ ފުރުސަތު ދެވޭނެ ކަމުގެ ޔަގީންކަންވެސް ދެއްވި އެވެ.
ވޯޓު ގުނުމުގެ ކަންކަމާ ގުޅޭ ގޮތުން ވިދާޅުވީ، ވޯޓު ފޮށިތައް ބަންދުކުރިތާ 30 މިނެޓުގެ ތެރޭގައި ގުނަން ފަށާނެ ކަމަށާއި، ގިނަ ފޮށިތައް ހަވީރު 6 ޖެހިއިރު ގުނަން ފެށޭނެ ކަމަށެވެ. ދަންވަރުގެ ކުރިން ހުރިހާ ނަތީޖާއެއް އިޢުލާންކޮށް ނިންމޭނެ ކަމަށްވެސް ވިދާޅުވި އެވެ.
މިހާތަނަށް 40 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވާ ކަމަށާއި، ގިނައީ އިދާރީ ކަންކަމާއި ރީ-ރެޖިސްޓްރޭޝަނާ ގުޅޭ ޝަކުވާތައް ކަމަށް ޒަކަރިއްޔާ ފާހަގަކުރެއްވި އެވެ.
ކޮމެންޓު ފޮނުވާ