ބޭނުންވާ ވޯޓު ކަރުދާހެއް އެކަނި ނެގޭނެ، ސިއްރުކަން ކަށަވަރުވާނެ ކަމުގެ ޔަގީންކަން އީސީން ދީފި

ބޭނުންވާ ވޯޓު ކަރުދާހެއް އެކަނި ނެގޭނެ، ސިއްރުކަން ކަށަވަރުވާނެ ކަމުގެ ޔަގީންކަން އީސީން ދީފި

Author
ޙަސަން މުޙައްމަދު
03 އޭޕްރިލް 2026 11:34
0

މާދަމާ ބާއްވާ އިންތިހާބުތަކާއި ފެންނަ ނުފެންނަ ވޯޓުގައި، ރައްޔިތުންނަށް އެމީހަކު ވޯޓުލާން ބޭނުންވާ ކަރުދާހެއް އެކަނި ދޫކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ފުލުހުންނާ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، ވަކި އިންތިހާބެއްގައި ވޯޓުލާން ބޭނުން ނުވާނަމަ އެ ކަރުދާހެއް ދޫނުކުރާނެ ކަމަށާއި، އަދި އެކަން އޮބްޒާވަރުންގެ ހާޒިރުގައި އިއުލާން ކުރާނެ ކަމަށެވެ. މިއީ ވޯޓުލުމުގެ މަރުހަލާގައި ފަހުން ދިމާވެދާނެ މައްސަލަތަކުން ސަލާމަތްވެ، ހުރިހާ އެންމެންނަށް ކަން ހިނގިގޮތް ސާފުކޮށްދިނުމަށް އަޅާ ފިޔަވަޅެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އަދި މީގެ ކުރިން 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް މި ފުރުސަތު ދީފައިވާނެކަމަށް ޒާހިދު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ، ކޮންމެ ރައްޔިތަކަށް ވެސް އެމީހަކު ބޭނުންވާ ފަރާތަކަށް، އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާއެކު ސިއްރުން ވޯޓުލެވޭނެ އިންތިޒާމުތައް މަރުކަޒުތަކުގައި ހަމަޖެހިފައިވާނެ ކަމަށެވެ. އެހެންކަމުން ވޯޓުގެ ސައްހަކަމާމެދު އެއްވެސް ސުވާލެއް ނުއުފެދޭނެކަމުގެ ފުރިހަމަ ޔަގީންކަން ކޮމިޝަނުން ދޭކަމަށް އޭނާ ވިދާޅުވި އެވެ.

މާދަމާގެ އިންތިހާބުގައި ޖުމްލަ 294،876 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ. މުޅި ރާއްޖޭގައި 582 ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާއިރު، މި ފޮށިތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާނީ ދިވެހި ފުލުހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.