އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ރޭ ކަރަންޓު ކެނޑުނު މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ، ކަމާބެހޭ އިދާރާތަކާ ގުޅިގެން އެކަން ތަހުގީގުކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ރޭ މެންދަމު 1:45 ހާއިރު އައްޑޫގެ ގުޅިފައިވާ ހުރިހާ ރަށަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ނަމަވެސް، މައްސަލަ ހައްލުކޮށް އަލުން ޚިދުމަތް ދީފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ފެނަކައިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ކަރަންޓު އަލުން ދިނުމަށް ކުރި މަސައްކަތުގެ ތެރެއިން ތަހުގީގުކުރަން ޖެހޭ ފަދަ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް، މިކަމާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް އެ ކުންފުނިން އަދި ހާމަކޮށްފައެއް ނުވެއެވެ.
މިފަދަ ވަގުތެއްގައި ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުންނަށް އުފުލަންޖެހުނު ތަކުލީފުތަކަށް ފެނަކައިން ވަނީ ނިހާޔަތަށް މައާފަށް އެދިފައެވެ. އަދި އައްޑޫ ސިޓީއަށް ބޭނުންވާ މިންވަރަށް އެއްވެސް ދަތިކަމަކާ ނުލައި ކަރަންޓު ފޯރުކޮށްދެވޭނެ ކެޕޭސިޓީ މިހާރު ގާއިމުކުރެވިފައިވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް އެ ކުންފުނިން ވަނީ ރައްޔިތުންނަށް ދީފައެވެ.
ކޮމެންޓު ފޮނުވާ