ކައުންސިލް އިންތިޚާބުގައި އެމްޑީޕީ އާއި ޕީއެންއެފް ގުޅިގެން ވޯޓުދޭން ނަޝީދު ގޮވާލައްވައިފި

ކައުންސިލް އިންތިޚާބުގައި އެމްޑީޕީ އާއި ޕީއެންއެފް ގުޅިގެން ވޯޓުދޭން ނަޝީދު ގޮވާލައްވައިފި

Author
ހުސައިން
31 މާރޗް 2026 07:44
0

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ކޯލިޝަން ބަލިކުރުމަށްޓަކައި، އެމްޑީޕީ އަދި ޕީއެންއެފް ގުޅިގެން އެއްބަޔަކު އަނެއް ބަޔަކަށް ވޯޓު ދިނުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ގދ. ހޯނޑެއްދޫގައި ކުރިއަށްދިޔަ ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވަނީ، ޕީއެންއެފްގެ ކެންޑިޑޭޓުން ނެތް ދާއިރާތަކުގައި އެ ޕާޓީގެ މެންބަރުން އެމްޑީޕީއަށް ވޯޓު ދިނުމަށާއި، އަދި އެމްޑީޕީގެ ކެންޑިޑޭޓުން ނެތް ރަށްރަށުގައި ޕީއެންއެފްގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އެދިވަޑައިގެންފައެވެ. އެގޮތުން ހޯނޑެއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ޝަކީބާ އަބްދުﷲ އަކީ ޕީއެންއެފްގެ ތާއީދު އޮތް ކެންޑިޑޭޓެއްކަން ފާހަގަކުރައްވައި، އޭނާއަށް ވޯޓު ދެއްވުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

މި އިންތިޚާބު ކާމިޔާބު ކުރެވޭނީ އެންމެން ގުޅިގެންކަން ފާހަގަކުރައްވަމުން، ނަޝީދު ވިދާޅުވީ އެމްޑީޕީ ވާދަނުކުރާ ގޮނޑިތަކުގައި އެ ޕާޓީގެ މެންބަރުންވެސް ޕީއެންއެފްގެ ކެންޑިޑޭޓުންނަށް ވޯޓު ދޭނެ ކަމަށެވެ.

ނަޝީދު މިފަދައިން ގޮވާލައްވާފައިވާއިރު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންވެސް ދާދި ފަހުން ވަނީ ނަޝީދު ކުރިން ވިދާޅުވަމުން ގެންދެވި "އަނެއް ދިވެހިރާއްޖެ" އަށް މިސްރާބު ޖަހަން މިއަދު މަޖުބޫރުވެފައިވާ ކަމަށް ވިދާޅުވެފައެވެ. ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދީގެން ރައްޔިތުންނަށް ލިބުނު މަންފާއެއް ނެތްކަމަށް ވިދާޅުވެ، ވެރިކަންކުރާ ޕީއެންސީ ފިޔަވައި އެހެން ކޮންމެ ކެންޑިޑޭޓަކަށް ވޯޓު ދެއްވުމަށް ޔާމީންވެސް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.