މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން، ކުވެއިތުގެ ބޮޑު ތެޔޮ ޓޭންކަރަކަށާއި ގަލްފުގެ އެހެނިހެން ގައުމުތަކަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ދީފިއެވެ.
ކުވެއިތުގެ ތެޔޮ ޓޭންކަރަށް ދިން ހަމަލާއާ ގުޅިގެން ލިބިފައިވާ ގެއްލުންތައް ދުބާއީގެ ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ވަޒަންކުރަމުންނެވެ. ކުވެއިތު ޕެޓްރޯލިއަމް ކޮމްޕެނީން މައުލޫމާތު ދޭ ގޮތުގައި، ހަމަލާ އަމާޒުވި "އަލް ސަލްމީ" އަކީ ދެ ބިލިއަން ފީފާގެ ތެޔޮ އުފުލުމުގެ ގާބިލުކަން ލިބިފައިވާ ވަރަށް ބޮޑު އުޅަނދެކެވެ. މި ހަމަލާގެ ސަބަބުން ކަނޑަށް ތެޔޮ ބޭރުވެއްޖެނަމަ، ސަރަހައްދުގެ ތިމާވެއްޓަށް އިއާދަނުކުރެވޭވަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު މިހާރު ވަނީ ހީވެފައެވެ.
ވޭތުވެދިޔަ މަދު ގަޑިއިރުތަކެއްގެ ތެރޭގައި މެދުއިރުމަތީގެ އެކި ސަރަހައްދުތަކަށް ހަމަލާތައް އަމާޒުވެފައިވާއިރު، ސައުދީ އަރަބިއްޔާއިން ބުނެފައިވަނީ އެ ގައުމަށް ފޮނުވާލި އަށް ބެލިސްޓިކް މިސައިލް ކާމިޔާބުކަމާއެކު ވައްޓާލާފައިވާ ކަމަށެވެ. ނަމަވެސް، މި މިސައިލްތައް ހުއްޓުވުމުގެ ތެރޭގައި އެ ގައުމުގެ ހަ ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް ސައުދީން ކަށަވަރުކޮށްދެއެވެ.
މީގެ އިތުރުން، ޔޫއޭއީގެ ދުބާއީއަށް އަމާޒުކޮށް ދިން ހަމަލާތަކެއްގައި ހަތަރު މީހަކަށް އަނިޔާވެފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ. އަދި މި ސިލްސިލާ ހަމަލާތަކުގެ ތެރެއިން ގަތަރާއި، ބަހްރެއިންގެ އިތުރުން ކުވެއިތަށްވެސް ވަނީ ހަމަލާތަކެއް އަމާޒުކޮށްފައެވެ.
ކޮމެންޓު ފޮނުވާ