ހިޔާ ފްލެޓްތަކުގެ ކުލި ދެ އަހަރަށް ކަނޑާލައިފި

ހިޔާ ފްލެޓްތަކުގެ ކުލި ދެ އަހަރަށް ކަނޑާލައިފި

Author
ޙަސަން މުޙައްމަދު
30 މާރޗް 2026 11:34
0

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި ހިޔާ ފްލެޓްތަކުގެ ދެ އަހަރު ދުވަހުގެ ކުލި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަނޑާލައިފިއެވެ.

މިއީ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް އާންމުން އަމިއްލައަށް ކުރި ޚަރަދު އަނބުރާ ދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅުގެ ދަށުން ހަމަޖެއްސި ކަމެއްކަމަށް އެޗްޑީސީން ފްލެޓްތަކުގެ ވެރިންނަށް ފޮނުވި ސިޓީގައި ވަނީ ބުނެފައެވެ. އެގޮތުން ކޮންމެ ފްލެޓެއްގެ ފިނިޝިންއަށް ކަނޑައަޅާފައިވާ ދެ ލައްކަ ރުފިޔާގެ ޑިސްކައުންޓުގެ ތެރެއިން، މިހާތަނަށް ނުދެއްކި ހުރި ކުލީގެ ފައިސާ އުނިކުރުމަށްފަހު، ބާކީވާ އަދަދު ހަމަވަންދެން މަހަކު ދައްކަންޖެހޭ 5،300 ރުފިޔާ ދައްކާކަށް ނުޖެހޭނެއެވެ.

މި ބަދަލާއެކު، މެނޭޖްމަންޓް ފީ ފިޔަވައި ހިޔާ ފްލެޓްތަކުގެ ކުލި ދެން ދައްކަން ފަށަން ޖެހޭނީ 2028 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. ދެ ލައްކަ ރުފިޔާގެ ޑިސްކައުންޓް ހަމަވުމުން، ފްލެޓްގެ އަގު އަދާކޮށް ނިމެންދެން މަހު ކުއްޔެއްގެ ގޮތުގައި ދައްކަންޖެހޭނީ 5،300 ރުފިޔާއެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ހިޔާ ފްލެޓްގެ ކުލި 8،500 ރުފިޔާގައި ހުރުމަށްފަހު، އޭރުވެސް އިންތިޚާބާ ދިމާކޮށް އެ އަދަދު 5،300 އަށް ކުޑަކުރިއެވެ. އަދި ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެ އަދަދު ވަނީ 3،984.21 ރުފިޔާއަށް ކުޑަކޮށްދެއްވާފައެވެ.

މި ސަރުކާރުން އަންނަނީ ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތަކަށް ބޮޑެތި ލުއިތަކެއް ދެމުންނެވެ. އޭގެ ތެރޭގައި ހިޔާ ފްލެޓްތަކުގެ ޖޫރިމަނާ މާފުކުރުމާއި، ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރުމުގެ އިތުރުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ފްލެޓްތަކުގެ ކުލިވެސް ކުޑަކުރުން ހިމެނެއެވެ. ނަމަވެސް، އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ފެންނަ ނުފެންނަ ވޯޓާ ދިމާކޮށް މިފަދަ ބޮޑެތި މާލީ ލުއިތަކެއް ދިނުމަކީ ދައުލަތަށް ދެމެހެއްޓެނިވި ކަމެއްތޯ ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.