ހުޅުމާލޭ ފޭސް އެކެއްގައި ގާއިމްކުރާ އާ ސްޕޯޓްސް ޕާކުގެ އަމަލީ މަސައްކަތް ފަށައިފި

ހުޅުމާލޭ ފޭސް އެކެއްގައި ގާއިމްކުރާ އާ ސްޕޯޓްސް ޕާކުގެ އަމަލީ މަސައްކަތް ފަށައިފި

Author
ޙަސަން މުޙައްމަދު
30 މާރޗް 2026 12:01
0

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތަރައްގީކުރާ އާ 'ސްޕޯޓްސް ޕާކު’ގެ އަމަލީ މަސައްކަތް ފަށައި، އެތަނުގެ ބިންގާ އިއްޔެ އަޅައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މައުލޫމާތު ދޭގޮތުގައި، މި ޕާކު ހަދަނީ ފޭސް އެކެއްގައި ހުންނަ ކުޑަކުދިންގެ ހިޔާ ކަމަށްވާ 'ފިޔަވަތި' އާ އިންވެގެން އޮންނަ ބިމުގައެވެ. މި މަޝްރޫއަކީ ހުޅުމާލޭގެ ރައްޔިތުންނަށް ކުޅިވަރު ކުޅެވޭނެ އިތުރު ފަސޭހަތައް ފަހިކޮށްދީ، މުޖުތަމައުގެ އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގާ މަޝްރޫއެކެވެ.

ތަފާތު އެކި ކުޅިވަރުތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މި ޕާކުގައި ފުޓްސަލް ދަނޑަކާއި، ވޮލީ ކޯޓެއްގެ އިތުރުން ހާފް ބާސްކެޓް ކޯޓެއް ހެދުމަށް ވަނީ ނިންމާފައެވެ. އަދި މިތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހަވާނެހެން ހާއްސަ ޕާކިން ޒޯނެއްވެސް މި މަޝްރޫއުގެ ދަށުން ތަރައްގީކުރާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އެ ކޯޕަރޭޝަނުގެ އަމާޒަކީ އަންނަ އޭޕްރީލް މަހުގެ ނިޔަލަށް މި ޕާކުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލުމެވެ.

ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް ހާއްސަ ސަމާލުކަމެއް ދީގެން އެޗްޑީސީން އަންނަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އައުޓްޑޯ ޖިމްތަކާއި ކުޅިވަރު ކުޅޭނެ ތަންތަން ތަރައްގީކުރަމުންނެވެ. އެގޮތުން ދާދި ފަހުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައިވެސް އެކި ކުޅިވަރުތަކަށް ހާއްސަ ދަނޑުތައް ހިމެނޭ ބޮޑު ކުޅިވަރު އެކުވެންޏެއް ވަނީ އާންމުންނަށް ހުޅުވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.