ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލެވޭ އުމުރުފުރާއަށް އެއްވެސް ބަދަލެއް ގެނައުމުގެ ވިސްނުންފުޅެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ ރިޔާސީ އިންތިހާބުގެ ކުރިން ގާނޫނުއަސާސީ އިސްލާހުކޮށް، ސިޔާސީ މަސްރަހުގައި އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުންނަށް ފުރުސަތު ގެއްލުވާލުމުގެ ގޮތުން އުމުރުފުރާއަށް ބަދަލު ގެންނަން އުޅޭކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. ނަމަވެސް، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އެއީ އެމަނިކުފާނުގެ ވިސްނުންފުޅުގައި އެއްވެސް ވަރަކަށް އޮތް ކަމެއް ނޫން ކަމަށެވެ. އަދި ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ ބަދަލުތައް މިހާރު ރައްޔިތުންނާ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ހިއްސާކޮށްފައިވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ގާނޫނުއަސާސީ މިހާރު އޮންނަ ގޮތުން ރައީސްކަމަށް ކުރިމަތިލެވެނީ އުމުރުން 35 އަހަރު ފުރިފައިވާ މީހުންނަށެވެ. އަދި އެ މަގާމަށް ކުރިމަތިލެވޭނެ އެންމެ ދޮށީ އުމުރެއް ކަނޑައަޅާފައެއް ނުވެއެވެ.
މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ރައީސްކަމަށް ކުރިމަތިލެވޭ އުމުރު 30 އަހަރާއި 65 އަހަރާ ދެމެދަށް ބަދަލުކޮށް ގާނޫނުއަސާސީއަށް އިސްލާހު ގެނެސްފައިވެއެވެ. އޭގެ ސަބަބުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ސިޔާސީ ބައެއް އިސް ބޭފުޅުންނަށް ވާދަކުރުމުގެ ފުރުސަތު ގެއްލިގެން ދިޔައެވެ. ނަމަވެސް މިހާރު އޮންނަ ގޮތަށް އުމުރުފުރާ އަލުން ބަދަލުކުރީ އެ އިންތިހާބަށް ފަހުއެވެ.
ކޮމެންޓު ފޮނުވާ