ލ. ގަމާއި ކުޅުދުއްފުށި ސިޓީގައި ސަރުކާރުން އިމާރާތްކުރާ ހައުސިން ޔުނިޓުތަކުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ މެޝިނަރީއާއި ސާމާނު އެ ރަށްރަށަށް ގެންގޮސްފިއެވެ.
މި މަޝްރޫއުތަކުގެ ކޮންޓްރެކްޓަރު ކަމަށްވާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މައުލޫމާތު ދޭގޮތުގައި، ސަރުކާރުން ގަމުގައި އެޅުމަށް ނިންމާފައިވާ 100 ހައުސިން ޔުނިޓުގެ މަސައްކަތަށް ބޭނުންވާ މެޓީރިއަލްސްގެ ފުރަތަމަ ޝިޕްމަންޓް މިހާރު ވަނީ އެރަށަށް ގެންގޮސްފައެވެ. ހަމައެއާއެކު، ކުޅުދުއްފުށީގައި އިމާރާތްކުރާ 400 ހައުސިން ޔުނިޓުގެ ސައިޓް މޮބިލައިޒް ކުރުމަށް ބޭނުންވާ ތަކެތިވެސް މިދިޔަ ހަފްތާގެ ތެރޭގައި ވަނީ އެ ސިޓީއަށް ގެންދެވިފައެވެ.
ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވުމުގެ ގޮތުން، އެ ސިޓީގައި ޖުމްލަ 2،000 ހައުސިން ޔުނިޓް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ވައުދުފުޅެކެވެ. މި ވައުދުފުޅުގެ ދަށުން ފެށުމަށް ތައްޔާރުވަމުންދާ މި މަޝްރޫއު އެޗްޑީސީއާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ، މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ރައީސް އެ ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މި ތަކެތި ސައިޓަށް ގެންދެވުމާއެކު، ވަރަށް އަވަހަށް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ