ސަރުކާރުގެ އިސްލާހުތައް ގެންނަނީ ޒާތީ ފައިދާއަކަށް ނޫން، ގައުމީ މަސްލަހަތަށް: ރައީސް

ސަރުކާރުގެ އިސްލާހުތައް ގެންނަނީ ޒާތީ ފައިދާއަކަށް ނޫން، ގައުމީ މަސްލަހަތަށް: ރައީސް

Author
އަހުމަދު
29 މާރޗް 2026 09:46
0

ސަރުކާރުން މިހާރު ކުރިއަށްގެންދާ އިސްލާހީ މަސައްކަތްތަކަކީ އެއްވެސް ހާލެއްގައި ޒާތީ ލުއިފަސޭހައަކަށް ކުރައްވާ ކަންތައްތަކެއް ނޫންކަމަށާއި، އެއީ ހުސް ގައުމީ މަސްލަހަތު އިސްކޮށްގެން ކުރައްވާ ކަންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ "އެސްޕްރެސޯ ވިތު ރައީސް" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުން ވެރިޔަކު އިންތިހާބުކުރަނީ ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރުމަށް ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ގަސްތުކުރައްވާ އިސްލާހުތަކަކީ ދުރާލާ ރޭވިގެން، ގައުމަށް އެންމެ ފައިދާހުރި ގޮތަށް ބައްޓަންކޮށްފައިވާ ކަންކަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި މަޖިލީހުގެ ވަކި އިންސައްތައެއް އަންހެނުންނާއި ޒުވާނުންނަށް ހާއްސަކުރުމާއި، މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވަމުންދާ ދިއުމަށް ނިމުމެއް ގެނައުން ހިމެނެއެވެ.

އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް، މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވަމުންދާ ދިއުން ކޮންޓްރޯލްކުރުމާއި ޒުވާނުންނާއި އަންހެނުންނަށް ހާއްސަ ގޮނޑިތަކެއް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. މީގެ އިތުރުން، ސަރުކާރުގެ އަމާޒަކީ ޒުވާނުން ބާރުވެރިކުރުވައި، ޒުވާނުންގެ ބައިވެރިވުމާއެކު ގައުމު ކުރިއެރުވުންކަން ފާހަގަކުރައްވައި، މި އިސްލާހުތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ޒުވާނުންގެ އަޑު އިއްވުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ. ހަމައެހެންމެ، ސަރުކާރުން ޒުވާނުންނަށް އަމާޒުކޮށްގެން އެކި ދާއިރާތަކުން ހިންގާ މަޝްރޫއުތަކުގެ އެންމެ ފަހުގެ ތަފާސްހިސާބުތައްވެސް އެމަނިކުފާނު ވަނީ މި ޕްރޮގްރާމްގެ ތެރެއިން އާންމުންނާ ހިއްސާކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.