މަޖިލިސް މެންބަރުންނާއި ކައުންސިލަރުން ދައުރުގެ މެދުތެރެއިން ވަކިކުރެވޭނެ ގޮތް ހަދަން ޤާނޫނަށް އިޞްލާޙު ގެންނަނީ

މަޖިލިސް މެންބަރުންނާއި ކައުންސިލަރުން ދައުރުގެ މެދުތެރެއިން ވަކިކުރެވޭނެ ގޮތް ހަދަން ޤާނޫނަށް އިޞްލާޙު ގެންނަނީ

Author
އައިޝަތު އަޙްމަދު
29 މާރޗް 2026 01:14
0

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ލޯކަލް ކައުންސިލްތަކުގެ މެންބަރުން، އެ ބޭފުޅުންގެ ދައުރުގެ މެދުތެރެއިން މަޤާމުން ވަކިކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި ޤާނޫނަށް މުހިންމު އިޞްލާޙުތަކެއް ހުށަހެޅުމަށް ސަރުކާރުން ނިންމައިފިއެވެ.

ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ 'އެސްޕްރެސޯ ވިތު ރައީސް' ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އިންތިޚާބުކުރެވޭ މެންބަރެއްގެ ކިބައިގައި ހުންނަންޖެހޭނެކަމަށް ޤާނޫނުގައި ބަޔާންކުރާ ޝަރުޠެއް ދައުރުގެ ތެރޭގައި އުނިވެއްޖެނަމަ، އެ މެންބަރަކު ގޮނޑިން ދުރުކުރުމުގެ ބާރު ރައްޔިތުންނަށް އޮންނަންޖެހޭނެ ކަމަށެވެ. އަދި މި ބަދަލާއެކު ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ފާއިތުވި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވަނީ ޤާނޫނުތަކަށް ގެންނަން ގަސްދުކުރައްވާ އިތުރު ބަދަލުތަކެއްވެސް ޙިއްޞާކުރައްވާފައެވެ. އޭގެ ތެރޭގައި، ކޮންމެ ފަސް އަހަރަކުން މަޖިލީހުގެ ގޮނޑީގެ އަދަދު އިތުރުވަމުންދާ ދިޔުން ހުއްޓުވުމަށް ފިޔަވަޅު އެޅުމާއި، ރިޔާސީ ދައުރު ފެށޭ ތާރީޚަކީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަސް ކަމުގައި އަލުން ކަނޑައެޅުން ހިމެނެއެވެ.

ހަމައެހެންމެ، ރިޔާސީ އިންތިޚާބު އެއް ބުރުން ކާމިޔާބުކުރެވޭނެ މަގުފަހިކުރުމަށްޓަކައި 'ޕްރިފަރެންޝަލް ވޯޓިންގ' ނިޒާމެއް ތަޢާރަފުކުރުމުގެ ދިރާސާތައް މިހާރު ކުރިއަށްދާކަންވެސް ރައީސް ހާމަކުރެއްވިއެވެ. ޤައުމުގެ ހިންގުމުގެ ނިޒާމަށް ގެނެވޭ މިފަދަ ބޮޑެތި ހުރިހާ ބަދަލުތަކެއްވެސް ގެންނަވާނީ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓެއްގެ ނަތީޖާއަށް ރިޢާޔަތްކުރެއްވުމަށްފަހުކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ޔަޤީންކަން ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.