ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކުގެ ތެރެއިން 20 އިންސައްތަ އަންހެނުންނާއި ޒުވާނުންނަށް ޚާއްސަކުރުމަށް ތާއީދުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޒުވާނުންނާއެކު ކުރިއަށްގެންދެވި 'އެސްޕްރެސޯ ވިތު ރައީސް' ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ޤައުމުގެ އެންމެ މުހިންމު ނިންމުންތައް ނިންމާ މުއައްސަސާގައި މި ދެ ގިންތީގެ ބައިވެރިވުން އިތުރުކޮށް ބާރުވެރިކުރުވުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. މި މައުޟޫޢުގައި މިހާރުވެސް މަޝްވަރާތައް ކުރިއަށްދާއިރު، މިކަމާމެދު އާންމު ރައްޔިތުންނާއި ޚާއްސަކޮށް ޒުވާނުން ދެކޭގޮތް އޮޅުންފިލުއްވަން ބޭނުންފުޅުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިކަމުގައި އެމަނިކުފާނުގެ އަމިއްލަ ވިސްނުންފުޅު ހިއްސާކުރައްވަމުން ވިދާޅުވީ، އެންމެ ރަނގަޅު ގޮތަކީ މަޖިލީހުގެ ޖުމްލަ ގޮނޑީގެ ތެރެއިން 10 އިންސައްތަ އަންހެނުންނަށް އަދި އަނެއް 10 އިންސައްތަ 30 އަހަރުން ދަށުގެ ޒުވާނުންނަށް ކަނޑައެޅުން ކަމަށެވެ. މިހާރު މަޖިލީހުގައި ތިއްބަވާ 93 މެންބަރުންގެ ނިސްބަތުން ބަލާނަމަ އެއީ އަންހެނުންނަށް 9 ގޮނޑި އަދި ޒުވާނުންނަށް 9 ގޮނޑިކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މިހާރަށްވުރެ އިތުރުވަމުން ނުދާނެ ގޮތަކަށް ޤާނޫނީ އޮނިގަނޑަށް އިސްލާހީ ބަދަލުތަކެއް ގެންނެވުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގޮނޑިތައް ޚާއްސަކުރުން ފަދަ ބަދަލުތައް ގެންނަންވާނީ އެންމެ އިންސާފުވެރި އަދި ހަމަހަމަ އުސޫލެއްގެ ތެރެއިންކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ