ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް 3 ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިންމައި، ގޯތި ލިބުނު ފަރާތްތަކާ ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފައްޓަވާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ޖަނަވަރީ މަހުގެ ފަހުކޮޅު ފެށި މި މަޝްރޫޢުގެ މަސައްކަތްތައް ބާރުމިނުގައި ކުރިއަށްދާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދާދިފަހުން އެ ސަރަޙައްދަށް ވަޑައިގެން މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. ރައީސްގެ އަރިހުގައި ވަޑައިގެން ހުންނަވައި ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވީ، ސަރުކާރުގެ މިވަގުތުގެ އެންމެ ބޮޑު އަމާޒަކީ ވީހާވެސް އަވަހަކަށް ބިން ހިއްކައި ނިންމައި، މީހުންނަށް ގޯތި ދޫކުރުން ކަމަށެވެ.
ބިން ހިއްކައި ނިމުމާއެކު ރަޖިސްޓްރީ ކުރުމާއި ސާވޭކުރުމުގެ މަސައްކަތް ފަށައި، ކަޑަޖަހައި ގޯތިތައް ހަވާލުކުރަމުން ގެންދާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އޭގެ އިތުރުން ފެނާއި ނަރުދަމާ އާއި ކަރަންޓުގެ ވިއުގަ ޤާއިމުކުރުމާއި މަގުހެދުން ފަދަ އަސާސީ ޚިދުމަތްތަކުގެ މަސައްކަތްވެސް ލަސްނުކޮށް ފައްޓަވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ނިމިދިޔަ ސަރުކާރުން ގިރާވަރުފަޅުން 5000 އަށްވުރެ ގިނަ ގޯތި ދޫކުރަން ނިންމި ނަމަވެސް، އޭރު އެކުލަވާލާފައިވާ ލޭންޑް ޔޫޒް ޕްލޭނަކީ މީހުން ދިރިއުޅޭ އާބަން ސިޓީއަކާ އެކަށީގެންވާ ޕްލޭނަކަށް ނުވާތީއާއި އެކަށީގެންވާ ޖާގަ ނެތުމުގެ ސަބަބުން ބައެއް ގޯތިތައް ވަނީ ގުޅިފަޅަށް ބަދަލުކޮށްފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި، ބިން އިތުރަށް ހިއްކައިގެން އަލަށް އެކުލަވާލި ޕްލޭނާއެކު މިހާރު ގިރާވަރުފަޅުން ދޫކުރާނީ 4072 ގޯއްޗެވެ. ސަރުކާރުގެ އަމާޒަކީ މި ހުރިހާ ގޯއްޗެއްވެސް މި ވެރިކަމުގެ ތެރޭގައި ހައްޤުވެރިންނާ ހަވާލުކޮށް ނިންމުމެވެ.
ކޮމެންޓު ފޮނުވާ