މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީގައި ގިނަ އުނިކަންތައްތަކެއް ހުރިކަން ފާހަގަކުރެވި، އެކަންކަން އިސްލާހުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ބާ ކައުންސިލުން މިއަދު ބޭއްވި ހާއްސަ ފޯރަމެއްގައި ވާހަކަދައްކަވަމުންނެވެ. މި ދެ އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުންނަށް ފެންނަ ގޮތެއް ބެލުމަށް ނަގާ ވޯޓު އަންނަ މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ފޯރަމްގައި ބައެއް ގާނޫނީ ބޭފުޅުން ވަނީ، ކުއްލި ނުރައްކަލުގެ ހާލަތެއްގައި މަޖިލީހުގެ އުމުރު ދަންމާލެވޭ ގޮތަށް ގާނޫނުއަސާސީގެ 80 ވަނަ މާއްދާގައި އޮންނަ އޮތުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެބޭފުޅުން ފާހަގަކުރެއްވި ގޮތުގައި، ދެ އިންތިހާބު އެއްކޮށްލުމަށް ފަހު އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އިންތިހާބުތައް އެއްކޮށްލުމުގެ މައިގަނޑު މަގުސަދު ގެއްލިގެންދާނެއެވެ.
މިކަމަށް ރައްދުދެއްވަމުން އުޝާމް ވިދާޅުވީ، އިންތިހާބުތައް އެއްކޮށްލަން ރައްޔިތުން ރުހުން ދީފިނަމަ، 80 ވަނަ މާއްދާ ހިމެނޭހެން ގުޅުންހުރި އެހެނިހެން ގާނޫނުތަކަށް ވެސް ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމަށާއި އެކަން ކުރައްވާނެ ކަމަށެވެ. އަދި މިވަގުތު ހަމައެކަނި މަޖިލީހުގެ އުމުރާ ގުޅޭ މާއްދާއަށް ބަދަލު ގެނައީ، ދެން ހުރި ކަންކަމަކީ ރައްޔިތުންގެ ނިންމުމެއްގެ މައްޗަށް ބިނާވާނެ ބަދަލުތަކަކަށް ވާތީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އިންތިހާބުތައް އެއްކޮށްލަން ރައްޔިތުން ނުފެންނަ ކަމަށް ވޯޓުދީފިނަމަ، އެ އިސްލާހުތައް ގެންނާކަށް ނުޖެހޭނެއެވެ.
ދުސްތޫރީ މައްސަލަތަކުގައި އުޅުއްވުމުގެ ތަޖުރިބާއަށް ބިނާކޮށް އުޝާމް ވިދާޅުވީ، މުޅި ގާނޫނުއަސާސީ ކިޔާލުމުން ވަރަށް ގިނަ އުނިކަންކަން ފާހަގަވާ ކަމަށާއި، އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާ ކަމަށެވެ. އަދި ގާނޫނުއަސާސީ އިސްލާހުކުރުމުގެ ތެރެއިން ރައްޔިތުންގެ ހިޔާލު ހޯދަންޖެހޭ ކަންކަމުގައި އެގޮތަށް އަމަލުކުރަމުން ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ގާނޫނުއަސާސީ އެކުލަވާލުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަތް ބޭފުޅުން ކަމަށްވާ ރާއްޖޭގެ ފުރަތަމަ ޕްރޮސެކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒު އަދި ދުސްތޫރީ ތަޖުރިބާކާރު ޑރ. ޝަމްޝުލް ފަލާހު ފަދަ ބޭފުޅުން ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގަތް މި ފޯރަމްގައި، އެބޭފުޅުން ވަނީ މިހާރު ގެންނަން އުޅޭ އިސްލާހުތަކާ ގުޅޭގޮތުން ބައެއް ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ