ސަޢުދީ ޢަރަބިއްޔާގައި ޤާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ ވައިގެ ބަނދަރަކަށް އީރާނުން ދިން ވަރުގަދަ ޙަމަލާއެއްގައި އެމެރިކާ ސިފައިންގެ 12 މީހަކު ޒަޚަމްވެއްޖެއެވެ.
އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކާ ޙަވާލާދީ ރޮއިޓަރސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސަޢުދީގައި ހުންނަ ޕްރިންސް ސުލްތާން އަސްކަރީ ވައިގެ ބަނދަރަށް އަމާޒުކޮށް ދިން މި ޙަމަލާގައި ޒަޚަމްވި މީހުންގެ ތެރެއިން ދެ ސިފައިންގެ ޙާލު ވަރަށް ސީރިއަސްއެވެ. މި ޙަމަލާތަކަކީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފެށި ޢުދުވާނަށް ރައްދުދިނުމުގެ ގޮތުންނާއި އަމިއްލަ ދިފާޢުގައި އީރާނުން ދެމުންގެންދާ ޙަމަލާތަކެކެވެ. އެގޮތުން، އީރާނުން ދަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ މަރުކަޒުތަކަށާއި ޔަހޫދީ ދައުލަތުގެ މުހިންމު ބިނާތަކަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ.
މިހާތަނަށް އީރާނުން ދިން މިފަދަ ޙަމަލާތަކުގައި އެމެރިކާ ސިފައިންގެ 13 މީހަކު މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. ސަޢުދީގެ އިތުރުން ކުވެއިތަށްވެސް އީރާނުން ވަނީ ވައިގެ މަގުން ޑްރޯން ޙަމަލާތަކެއް ދީފައެވެ. މި ޙަމަލާތަކުގައި ކުވެއިތު އިންޓަރނޭޝަނަލް އެއާޕޯޓުގެ ރާޑަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް ކުވެއިތުގެ ދައުލަތުގެ މީޑިޔާއިން ބުނެއެވެ.
އަމިއްލަ މިނިވަންކަމާއި އިސްތިޤުލާލުގެ ދިފާޢުގައި އީރާނުން މެދުކެނޑުމެއްނެތި ދެމުންދާ މި ޙަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ވައިގެ ސަރަޙައްދުތައް ބަންދުކުރަންޖެހި، އެ ސަރަޙައްދުގެ ވައިގެ ދަތުރުފަތުރަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރައިފައެވެ.
ކޮމެންޓު ފޮނުވާ