ހަލާލު ޓޫރިޒަމް މޮޑެލްގެ ދަށުން ރިސޯޓު ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ރަށްތަކުގެ ލިސްޓަށް ށ. ފުށިފަރު އިތުރުކޮށް، އެ ރަށް ބީލަމަށް ހުޅުވާލާފައިވާކަން ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ނެރުނު ބީލަން ފޮތަށް ގެނައި ފުރަތަމަ އިސްލާހުގައިވާ ގޮތުން، ހަލާލު ޓޫރިޒަމަށް މިހާރު ހަތަރު ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ. އެއީ 100 އެނދު ތަރައްޤީކުރާ ށ. ފުށިފަރުގެ އިތުރުން، 150 އެނދުގެ ޖާގައާއެކު ތަރައްޤީކުރާ ހދ. މަކުނުދޫ އާއި، 100 އެނދުގެ ޖާގަ ހިމެނޭ ލ. ފޮނަގާދޫ އަދި ސ. ދޮންހެރައެވެ. މި ރަށްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މެއި މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 11:00 އާ ހަމައަށް މިހާރު ވަނީ ހުޅުވާލާފައެވެ. ށ. ފުށިފަރު ލިސްޓަށް އިތުރުކުރުމާ ގުޅިގެން ބީލަމާ ގުޅޭ މަޢުލޫމާތު ދިނުމަށް އިތުރު ޕްރީ-ބިޑް ބައްދަލުވުމެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.
މި މޮޑެލްގެ ދަށުން ދޫކުރާ ރަށްތަކުގައި ރިސޯޓު ތަރައްޤީކުރުމަށް ގިނަ ލުއިތަކެއް ދިނުމަށް ވުޒާރާއިން ވަނީ ނިންމާފައެވެ. އެގޮތުން 50 އަހަރަށް ކުއްޔަށް ދޫކުރާ މި ރަށްތަކުގެ އިކުއިޒިޝަން ފީ އާއި ކޯސްޓް 5 ނުވަތަ 6 އަހަރަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ޑިއުޓީގެ 20 އިންސައްތަ މަޢާފުކުރެވޭއިރު، ގްރޭސް ޕީރިއަޑްގެ ކުރިން ރިސޯޓު އޮޕަރޭޓްކުރަން ފަށައިފިނަމަ، ބާކީ އޮންނަ މުއްދަތުގެ ބިމު ކުލި ފަސްކޮށްދިނުމުގެ ބަދަލުގައި އެއްކޮށް މަޢާފްކޮށްދެވޭނެއެވެ. މި ރަށްތައް ކުއްޔަށް ދޫކުރާތާ 36 މަސް ދުވަހުގެ ތެރޭގައި ޢަމަލީ މަސައްކަތް ފަށަންޖެހޭނެ ކަމަށާއި، ބިން ހިއްކައިގެންވެސް ތަރައްޤީކުރެވޭނެ ކަމަށް ވުޒާރާއިން މަޢުލޫމާތުދެއެވެ.
ހަލާލު ޓޫރިޒަމަށް ޚާއްޞަކުރި ރަށްތަކުގެ އިތުރުން، އާންމު އުސޫލުން ރިސޯޓު ތަރައްޤީކުރުމަށް އިތުރު 13 ސަރަހައްދަކަށް ބީލަން ހުށަހެޅުމުގެ މުއްދަތުވެސް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އިތުރުކޮށްދީފައެވެ. އެ ރަށްތައް ތަރައްޤީކޮށް ހިންގަން ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މެއި މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 13:00 އެވެ.
ކޮމެންޓު ފޮނުވާ