އިސްރާއީލު ސިފައިންގެ އަދަދު މަދުވެ، އަސްކަރިއްޔާ އިނދަޖެހިދާނެކަމުގެ އިންޒާރު ދީފި

އިސްރާއީލު ސިފައިންގެ އަދަދު މަދުވެ، އަސްކަރިއްޔާ އިނދަޖެހިދާނެކަމުގެ އިންޒާރު ދީފި

Author
ހުސައިން
27 މާރޗް 2026 02:44
0

އިސްރާއީލުގެ އަސްކަރިއްޔާއަށް ސިފައިން މަދުވުމުގެ މައްސަލަ އިންތިހާއަށް ކުރިމަތިވެ، އެކަމަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ މުޅި ލަޝްކަރު އެތެރެއިން ރޫޅިގެން ހިނގައިދާނެކަމުގެ ވަރުގަދަ އިންޒާރެއް އަސްކަރީ އިސްވެރިން ދީފިއެވެ.

ސަލާމަތީ ކެބިނެޓުގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިސްރާއީލުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް އީޔަލް ޒާމިރު ވިދާޅުވީ، އަސްކަރީ މަސައްކަތްތައް އެއްކޮށް ހުއްޓުމަކަށް އައުމުގެ ކުރިން އެތައް ފަހަރަކު އިންޒާރުގެ "ރަތް ސިގްނަލް" ދެއްވާފައިވާނެ ކަމަށެވެ. މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ސިފައިންގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާއިރު، ގާޒާ، ލުބުނާން، ސޫރިއާ އަދި ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާނެ އިތުރު ސިފައިން ވަރަށް ބޮޑަށް ވަނީ ބޭނުންވެފައެވެ. އަދި މިކަމަށް ހައްލެއް ނުލިބިއްޖެނަމަ، އަސްކަރީ އޮޕަރޭޝަންތަކުގެ ނަމުގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް ކުރިއަށް ގެންދިއުމަށް ބޮޑެތި ހުރަސްތަކަކާ ކުރިމަތިވާނެކަމަށް އަސްކަރީ މަސްދަރުތަކުން ބުނެއެވެ.

މި މައްސަލަ އިތުރަށް ގޯސްވެފައިވަނީ، ހަރުކަށި ފިކުރުގެ ޔަހޫދީން ސިފައިންގެ ތެރެއަށް ވެއްދުން ލާޒިމުކުރާ ގާނޫނު ފާސްނުކުރެވި އޮތުމުންނެވެ. ހަނގުރާމައިގެ މި ނާޒުކު ދަނޑިވަޅުގައި ސަރުކާރުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެ ގާނޫނު ތަންފީޒުކުރުން މަޑުޖައްސަވާލައްވާފައެވެ.

މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފައެވެ. އިދިކޮޅު ލީޑަރު ޔައިރު ލަޕިޑް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ދިމާވާ ކާރިސާއެއްގައި ކަންކަން ނޭނގޭކަމަށް ބުނެ ރެކުމުގެ ފުރުސަތު ސަރުކާރަށް ނޯންނާނެ ކަމަށެވެ. މީގެ އިތުރުން، ކުރީގެ ބޮޑުވަޒީރުން ކަމަށްވާ ނަފްތާލީ ބެނެޓް އާއި އަވިގްޑޯ ލީބަރމަން ވެސް ވަނީ، އިސްތިސްނާއެއް ނެތި ހުރިހާ ރައްޔިތުންނަށް އަސްކަރީ ޚިދުމަތް މަޖުބޫރުކުރުމަށް ގޮވާލައްވާފައެވެ.

އަސްކަރީ ތަޖުރިބާކާރުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެފަރާތްތަކުން ލަފާކުރާ ގޮތުގައި، ހަމައެކަނި ރިޒާވް ސިފައިންނަށް ބަރޯސާވެގެން މި ހަނގުރާމަ ދިގު މުއްދަތަކަށް ކުރިއަކަށް ނުގެންދެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.