ވިހެއުމާ ގުޅިގެން މައިންނަށް ދޭ 6 މަސް ދުވަހުގެ ޗުއްޓީ ނެގުމުން، ވަޒީފާގެ ކުރިއެރުން (ޕްރޮމޯޝަން) ނުލިބޭ ގޮތަށް އޮންނަ އުސޫލު ބަދަލުކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް އީ-ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
މއ. ފޭރުގެ، މަރިޔަމް ޝިފާނާ ހުސައިން އިސްނަގައިގެން މަޖިލީހަށް ހުށަހެޅި މި ޕެޓިޝަނުގައި ފާހަގަކޮށްފައިވަނީ، ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރާ މުއްދަތުގައި 90 ދުވަހަށްވުރެ މަދުން މަސައްކަތްކޮށްފައިވާނަމަ ޕްރޮމޯޝަނަށް މާކްސް ނުގުނާ ގޮތަށް އޮންނަ އުސޫލުގެ ސަބަބުން، ވިހެއުމާ ގުޅިގެން ޗުއްޓީ ނަގާ އަންހެން މުވައްޒަފުންގެ ހައްގުތައް ގެއްލެމުންދާ ކަމަށެވެ. އެހެންކަމުން އެ އުސޫލު ބަދަލުކޮށް، އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ޕެޓިޝަނުގައި އެދިފައިވެއެވެ.
އީފާސް މެދުވެރިކޮށް ސޮއިކުރެވޭ ގޮތަށް ހުޅުވާލާފައިވާ މި ޕެޓިޝަނަށް މިހާތަނަށް 930 މީހުން ވަނީ ސޮއިކޮށްފައެވެ. ޕެޓިޝަނުގައި ސޮއިކުރުމަށް ޖުމްލަ 42 ދުވަސް ލިބޭއިރު، އަދި ބާކީ 39 ދުވަސް އެބައޮތެވެ.
މަޖިލީހުގެ އުސޫލުތައް އޮންނަ ގޮތުން ޕެޓިޝަނަކަށް 840 އަށްވުރެ ގިނަ މީހުންގެ ސޮއި ލިބިއްޖެނަމަ، މަޖިލީހުގެ މެންބަރަކު މެދުވެރިނުވި ނަމަވެސް އެ މައްސަލައެއް ބަލައިގަނެ ސަރުކާރުގެ ސަމާލުކަމަށް ގެންނަންޖެހެއެވެ. އަދި މި ޕެޓިޝަނަށް 2100 ސޮއި ހަމަވެއްޖެނަމަ، މިއީ އިސްކަންދޭ މައްސަލައެއްގެ ގޮތުގައި މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން ޖެހޭނެއެވެ.
ކޮމެންޓު ފޮނުވާ