ދައުލަތުގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް، ބަޖެޓް ސާޕްލަސްއަކަށް!

ދައުލަތުގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް، ބަޖެޓް ސާޕްލަސްއަކަށް!

Author
ހުސައިން
27 މާރޗް 2026 01:27
0

ދައުލަތުގެ އާމްދަނީ މިދިޔަ އަހަރާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެ، ދައުލަތުގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަކަން ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، 19 މާރިޗު 2026 ގެ ނިޔަލަށް ދައުލަތަށް ޖުމްލަ 9.4 ބިލިއަން ރުފިޔާގެ އާމްދަނީއަކާއި ހިލޭ އެހީ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތުގައި ލިބުނު 9.0 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 4.4 އިންސައްތައިގެ ކުރިއެރުމެކެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކުހުގެ ގޮތުގައި ލިބުނު ފައިސާ 12.8 އިންސައްތަ އިތުރުވެ، 7.7 ބިލިއަން ރުފިޔާއަށް އެރުމެވެ. މިއީ ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 82 އިންސައްތައެވެ.

ޓެކްސް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީންނެވެ. އެގޮތުން ޖީ.އެސް.ޓީގެ ގޮތުގައި 4.0 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރޭގައި ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު 2.9 ބިލިއަން ރުފިޔާ އާއި އާންމު ޖީ.އެސް.ޓީގެ 1.1 ބިލިއަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން ވިޔަފާރިއާއި މުދަލުން ނަގާ ޓެކްސް 24.8 އިންސައްތަ އިތުރުވެ، 2.2 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. ގްރީން ޓެކްސްގެ ގޮތުގައި 497.3 މިލިއަން ރުފިޔާ އަދި އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްގެ ގޮތުގައި 427.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އާމްދަނީ އިތުރުވެފައިވާއިރު، ދައުލަތުގެ ހަރަދުތައް ވަނީ ކުޑަވެފައެވެ. މި މުއްދަތުގެ ނިޔަލަށް ޖުމްލަ ހަރަދު ހުރީ 7.3 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 10.3 އިންސައްތައިގެ ދަށްވުމެކެވެ. ނަމަވެސް، މުވައްޒަފުންގެ މުސާރަ ހަމަހަމަކުރުމުގެ ސިޔާސަތާއެކު މުސާރައާއި އިނާޔަތްތަކަށް ކުރި ހަރަދު ވަނީ 3.0 އިންސައްތަ އިތުރުވެފައެވެ.

މި ބަދަލުތަކާއެކު ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސް ހުރީ 2.1 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައެވެ. މިއީ 140.7 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. ހަމައެއާއެކު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާ 8.6 އިންސައްތަ އިތުރުވެ، ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓް ވެސް ވަނީ 18.0 އިންސައްތަ އިތުރުވެފައެވެ. މާލީ ވުޒާރާއިން ބުނާގޮތުގައި، މާލީ ހިސާބުތައް އެއްކޮށް ނިމޭއިރު މި އަދަދުތަކަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.