ހޮޅިކޮޅު ނުލިބި ކުއްޖަކު ނިޔާވި މައްސަލަ: ސިޔާސީ ބޭނުމަށް ކުއްޖާގެ ފޮޓޯ ބޭނުންނުކުރަން އަންގައިފި

ހޮޅިކޮޅު ނުލިބި ކުއްޖަކު ނިޔާވި މައްސަލަ: ސިޔާސީ ބޭނުމަށް ކުއްޖާގެ ފޮޓޯ ބޭނުންނުކުރަން އަންގައިފި

Author
ހުސައިން
26 މާރޗް 2026 03:32
0

ފީޑިން ޓިއުބެއް ނުލިބި ލަސްވުމުގެ ސަބަބުން އުމުރުން ހަ އަހަރުގެ ކުއްޖަކު ނިޔާވި މައްސަލައިގައި، އެ ކުއްޖާގެ ފޮޓޯއާއި މައުލޫމާތު ސިޔާސީ މަންފާއަށް ނުފެތުރުމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން އިލްތިމާސްކޮށްފިއެވެ.

އެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހިތާމަވެރި ހާދިސާއާ ގުޅިގެން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހާއްސަ ތަހުގީގެއް މިހާރު ފަށާފައިވާ ކަމަށެވެ. ނަމަވެސް، މި މައްސަލައިގެ ތެރެއިން އާއިލާގެ ހުއްދައަކާ ނުލައި ބައެއް މީޑިއާތަކުންނާއި އާންމުން ސޯޝަލް މީޑިއާގައި ކުއްޖާގެ ޒާތީ މައުލޫމާތު ހިއްސާކޮށް ތަފާތު ވާހަކަތައް ފަތުރަމުންދާކަން އެ އިދާރާއިން ވަނީ ކަންބޮޑުވުމާއެކު ފާހަގަކޮށްފައެވެ.

ކުއްޖާގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އަދި ސިޔާސީ މަންފާއެއް ހާސިލުކުރުމުގެ ނިޔަތުގައި މިފަދަ މައުލޫމާތު ބޭނުންކުރުމަކީ ގާނޫނުގެ މަގުސަދާއި ރޫހާ ހިލާފު ކަމެއްކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އެއީ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށް އޮންނަ ފުރުސަތުތަކަށް ހުރަސްއެޅޭ ކަމަކަށް ވާތީ، އާއިލާއަށް ދިމާވެފައިވާ ފުން ހިތާމައިގެ މި ދަނޑިވަޅުގައި ކުއްޖާގެ ހައްގުތަކަށް އުނިކަން ނުދިނުމަށް ވަނީ އެދިފައެވެ.

ނިޔާވި ކުއްޖާއަކީ ސްޕޭސްޓިކް ކުއަޑްރިޕްލެޖިކް ސެލެބްރަލް ޕަލްސީ ހުންނަ ކުއްޖެކެވެ. އާއިލާއިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ ކުއްޖާއަށް ކާންދިނުމަށް ބޭނުންކުރާ ހަމައެކަނި ވަސީލަތް ކަމަށްވާ ފީޑިން ޓިއުބް ހޯދުމަށް އާސަންދަ މެދުވެރިކޮށް އެދިފައި އޮންނަތާ އަށް މަސް ދުވަސް ވީއިރުވެސް އޮތީ ނުލިބިއެވެ. އެންމެ ފަހުން އައިޖީއެމްއެޗް މެދުވެރިކޮށް އެ ހޮޅިކޮޅު ލިބުނީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެ ދުވަހު ނޭވާލާން އުނދަގޫވެގެން ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް ކުއްޖާ ނިޔާވީ އޭގެ އަނެއް ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.