އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4″ ގެ ދަށުން އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައިވާ 70 އަށްވުރެ ގިނަ އަމާޒަކަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފިއެވެ.
މި އޮޕަރޭޝަންގެ 81 ވަނަ ބުރުގައި އީރާނުން ބޭނުންކޮށްފައިވަނީ ދުރު ރާސްތާއަށް ހަމަލާދިނުމުގެ ގާބިލުކަން ލިބިފައިވާ "އިމާދު"، "ގިޔާމް"، "ޚުއްރަމްޝަހަރު-4″ އަދި "ގަދަރު" މަރުކާގެ މިސައިލްތަކެވެ. އައިއާރްޖީސީން ނެރުނު ބަޔާނެއްގައި ކަށަވަރުކޮށްދީފައިވާ ގޮތުގައި، ހައިފާ އާއި ޑިމޯނާގެ އިތުރުން ތެލް އަވީވްގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކަށް މި ހަމަލާތައް ވަނީ ކާމިޔާބުކަމާއެކު އަމާޒުކޮށްފައެވެ. އީރާނުގެ ޖާސޫސީ މައުލޫމާތުތަކާ ހަވާލާދީ އެ ބަޔާނުގައި ބުނެފައިވަނީ، މި ހަމަލާތަކުގެ ސަބަބުން އިޒްރޭލަށް ބޮޑެތި ގެއްލުންތަކެއް ލިބި، މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ ޖުމްލަ އަދަދު 2،500 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށެވެ.
މި ހަމަލާތައް ދީފައިމިވަނީ، ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އާއި އީރާނުގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރުންތަކެއް ޝަހީދުކޮށްލުމާ ގުޅިގެން ފެށުނު ހަނގުރާމައަށް 26 ދުވަސް ވެފައިވަނިކޮށެވެ. މުޅި އީރާނު އޮތީ ގައުމުގެ ދިފާއުގައި އެކަތިގަނޑެއްގެ ގޮތުގައި ތެދުވެކަން ފާހަގަކޮށް، އައިއާރްޖީސީން ވަނީ އެމެރިކާގެ ރައްޔިތުންނަށް ސީދާ މުޚާތަބުކޮށް އިންޒާރުގެ މެސެޖެއްވެސް ދީފައެވެ. އެގޮތުން، ޑޮނަލްޑް ޓްރަމްޕާއި ބެންޖަމިން ނަތަންޔާހޫ ފަދަ ވެރިން ހަނގުރާމައިގެ ހަގީގަތް އޮޅުވާލަމުންދާ ކަމަށާއި، އެމެރިކާގެ ސިފައިން އީރާނުގެ ކަނޑުގެ ސަރަހައްދަށް ފޮނުވައިފިނަމަ އެ އެންމެން ޣަރަގުކޮށް ނައްތާލާނެ ކަމަށް ވަނީ ބުނެފައެވެ. އަދި ތެލް އަވީވް އާއި ހައިފާ ބިމާ ހަމަކޮށްލާނެ ކަމުގެ ވަރުގަދަ އިންޒާރެއްވެސް އެ ބަޔާނުގައި ދީފައިވެއެވެ.
ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އީރާނުން ވަނީ އެމެރިކާ އާއި އިޒްރޭލުގެ އަމާޒުތަކަށް 700 އަށްވުރެ ގިނަ މިސައިލާއި 3،600 އަށްވުރެ ގިނަ ޑްރޯން ފޮނުވާލާފައެވެ. މީގެ އިތުރުން، އީރާނުގެ ވައިގެ ދިފާއީ ނިޒާމުތަކުން ވަނީ ދުޝްމަނުންގެ ކްރޫޒް މިސައިލްތަކާއި ޒަމާނީ ފައިޓަރ ޖެޓްތައް ހިމެނޭހެން 200 އަށްވުރެ ގިނަ އުޅަނދު ވައްޓާލައި ހަލާކުކޮށްލާފައި ކަމަށްވެސް އައިއާރްޖީސީން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓު ފޮނުވާ