ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ނަގަނީ އެ ކުއްޖެއްގެ އާއިލާގެ އެއްވެސް މެންބަރަކު އެ ކުއްޖާއާ ހަވާލުވާން ނެތް ހާލަތުގައި، އެންމެ ފަހުގެ އިޚްތިޔާރެއްގެ ގޮތުގައި ކަމަށް ސޯޝިއަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކޮންމެ ކުއްޖަކަށްވެސް އާއިލީ ވެއްޓެއް މުހިންމުވާތީ، ކުއްޖަކު ދައުލަތަށް ނެގުމުގެ ކުރިން މުޅި އާއިލާއާ މަޝްވަރާކޮށް އެކަމަށް މަގުފަހިކުރެވޭތޯ ބައްލަވާ ކަމަށެވެ. ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ފާހަގަކުރެއްވީ، ނޮވެމްބަރު 2023 ގައި ދައުލަތުގެ ބެލުމުގެ ދަށުގައި 164 ކުދިން ތިބި ނަމަވެސް، މިހާރު އަތޮޅުތަކުގެ "އަމާންވެށި" ތަކުގައި ބަލަހައްޓަމުންދަނީ 152 ކުދިން ކަމަށެވެ.
ކުދިންނަށް އާއިލީ ލޯބި ހޯދައިދިނުމަށް ކުރިއަށްގެންދާ "ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމުގެ ދަށުން މިހާތަނަށް 111 ކުއްޖަކު ވަނީ އާއިލާތަކާ ހަވާލުކޮށްފައެވެ. އަދި އާއިލީ ވެށީގައި ކުދިން ބަލައިބޮޑުކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން، ތުއްތު ކުދިން ފޮސްޓަރކުރާ ފަރާތްތަކަށް އަންހެނުން ވިހެއުމުން ލިބޭ ފަދަ ޚާއްސަ ޗުއްޓީއެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ސިވިލް ސަރވިސް މުވައްޒަފުންނަށް އަންނަ އޭޕްރީލް މަހުން ފެށިގެން މި ޗުއްޓީ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މީގެ އިތުރުން، މާލީ އެހީތެރިކަން ބޭނުންވާ ފޮސްޓަރ އާއިލާތަކަށް ކޮންމެ ކުއްޖަކަށް މަހަކު 5،000 ރުފިޔާގެ އެލަވަންސެއް ދިނުމަށްވެސް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަކީ މުޖުތަމައަށް ބޭނުންތެރި ބަޔަކަށް ހެދުމަށްޓަކައި އެކުދިންނަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދެމުންދާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން، އަލަށް ފެށުމަށް ތައްޔާރުވަމުންދާ ނޭޝަނަލް ސަރވިސް ޕްރޮގްރާމްގެ ތެރެއިންވެސް މި ކުދިންނަށް ކުރިއަށް ދެވޭނެ ރަނގަޅު މަގުތަކެއް ފަހިވެގެންދާނެ ކަމަށް ޑރ. އައިޝަތު ޝިހާމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ