ޝިއާއުގެ މަރުގެ މައްސަލަ: ޝާހިލްގެ ޝަރީއަތް ނިމުމަކަށް، އަންނަ މަހު ހުކުމް އިއްވަނީ

ޝިއާއުގެ މަރުގެ މައްސަލަ: ޝާހިލްގެ ޝަރީއަތް ނިމުމަކަށް، އަންނަ މަހު ހުކުމް އިއްވަނީ

Author
ހުސައިން
24 މާރޗް 2026 08:17
0

2022 ވަނަ އަހަރު އަނިޔާވެރި ގޮތަކަށް ޝިއާއު މުހައްމަދު ސައީދު މަރާލި މައްސަލައިގައި ދައުވާލިބޭ ފ. ނިލަންދޫ، ފިނިފެންމާގޭ އަލީ ޝާހިލްގެ ޝަރީއަތް ނިމުމަކާ ގާތްވެ، އަންނަ މަހު ހުކުމް އިއްވަން ތައްޔާރުވެއްޖެއެވެ.

މި މައްސަލައިގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދަނީ ސިއްރުކޮށްގެންނެވެ. ޝިއާއުގެ ބޮލާއި ހަތަރެސްފައި ބުރިކޮށްލައިގެން މަރާލި މި ހާދިސާއާ ގުޅިގެން ޝާހިލްގެ މައްޗަށް މައިގަނޑު ގޮތެއްގައި އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އާއި، އޮރިޔާން ކާޑު ގެންގުޅުމާއި، ކެނެބިސް ބޭނުންކުރުމުގެ ދައުވާގެ އިތުރުން ސިއްރުކޮށްފައިވާ ދެ ދައުވާއެކެވެ.

ތަހުގީގުގައި އަދި ޝަރީއަތުގެ ކުރީކޮޅުވެސް އެއްގޮތަކަށްވެސް ވާހަކަނުދައްކައި ހުރުމަށްފަހު، ފަހުން ޝާހިލް ވަނީ ކޯޓުގައި ވާހަކަދައްކަން ފަށާފައެވެ. ދައުލަތުން އޭނާއަށް ދެ ފަހަރެއްގެ މަތިން ވަކީލުން ހަމަޖައްސައިދިން ނަމަވެސް، އެއްބާރުލުން ނުދޭތީ އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ އިތުރަށް ވަކީލުން ހަމަޖައްސައިނުދޭން ނިންމާފައެވެ. އެހެންކަމުން އޭނާ މިހާރު ބޭނުންވަނީ ވަކީލަކާ ނުލައި މައްސަލަ ކުރިއަށް ގެންދާށެވެ. މީގެ އިތުރުން، ފުލުހުންގެ ތަހުގީގަށް އޭނާ ދިން ބަޔާން ބަލައިނުގަތުމަށް ޝާހިލް އެދުނު ނަމަވެސް، ކޯޓުން ވަނީ އެ ބަޔާން ޝަރީއަތަށް ބަލައިގަތުމަށް ނިންމާފައެވެ.

މި މައްސަލައިގައި ޝިއާއުގެ އާއިލާއިން ބޭނުންވަނީ މަރަށް މަރު ހިފުމަށެވެ. އަދި ޝާހިލްގެ ބައްޕަވެސް މީގެ ކުރިން "ސީއެންއެމް" އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ދަރިފުޅުދެކެ ކިތަންމެ ލޯބިވި ނަމަވެސް، ގަސްތުގައި މީހަކު މަރާލާފައިވާނަމަ އިސްލާމީ ޝަރީއަތުގައި އޮންނަ ހައްގު އަދަބު އޭނާއަށް ލިބެންޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.