ރާއްޖޭގެ 12 ނޯޓިކަލް މޭލުން ބޭރުގެ ވައިގެ ސަރަޙައްދަށް ޤާނޫނީ ބާރު ނުހިނގާނެކަން ދިފާޢީ ވުޒާރާއިން ސާފުކޮށްދީފި

ރާއްޖޭގެ 12 ނޯޓިކަލް މޭލުން ބޭރުގެ ވައިގެ ސަރަޙައްދަށް ޤާނޫނީ ބާރު ނުހިނގާނެކަން ދިފާޢީ ވުޒާރާއިން ސާފުކޮށްދީފި

Author
އަހުމަދު
24 މާރޗް 2026 08:17
0

ރާއްޖޭގެ ސަރަޙައްދީ ކަނޑުގެ 12 ނޯޓިކަލް މޭލުން ބޭރުގައިވާ ވައިގެ ސަރަޙައްދަކީ ރާއްޖޭގެ ޤާނޫނީ ބާރު ހިނގާ ސަރަޙައްދެއް ނޫންކަމަށް ދިފާޢީ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ދިފާޢީ ވުޒާރާއިން މިކަން ސާފުކޮށްދެއްވާފައި މިވަނީ، މެދުއިރުމަތީގެ ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުންކުރުމުގެ ހުއްދަ ދީފައިވާކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރަމުންދާ ދޮގު ވާހަކަތަކާ ގުޅިގެންނެވެ. ސަރުކާރުން ވަނީ ހަނގުރާމައިގައި އެއްވެސް ޤައުމަކަށް ޙަމަލާދިނުމަށް ރާއްޖޭގެ ސަރަޙައްދު ބޭނުންކުރުމުގެ ހުއްދަ ނުދެއްވާނެކަން މީގެ ކުރިންވެސް ކަށަވަރުކޮށްދެއްވާފައެވެ.

ބައިނަލްއަޤްވާމީ މުޢާޙަދާތަކާއި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ޤާނޫނާ ޙަވާލާދީ އެ ވުޒާރާއިން ބުނެފައިވަނީ، ރާއްޖޭގެ ސިޔާދަތީ ބާރު ފުރިހަމައަށް ހިނގާނީ ބިމާއި، އެތެރޭ ކަނޑާއި، ސަރަޙައްދީ ކަނޑުގެ އިތުރުން އެއާ ގުޅިފައިވާ 12 ނޯޓިކަލް މޭލާ ހަމައަށް އޮންނަ ވައިގެ ސަރަޙައްދަށް އެކަނި ކަމަށެވެ. އަދި އެ ސަރަޙައްދަށް ވަދެވޭނީ ރާއްޖޭގެ ހުއްދަ ހޯދައިގެން ކަމަށް "ޗިކާގޯ ކޮންވެންޝަން" ގައިވެސް ބަޔާންކުރެއެވެ.

ނަމަވެސް 12 ނޯޓިކަލް މޭލުން ބޭރުގައިވާ ވައިގެ ސަރަޙައްދަކީ އިންޓަރނޭޝަނަލް އެއަރސްޕޭސް ކަމަށާއި، އެ ސަރަޙައްދަށް ވަނުމަށް ރާއްޖޭގެ ހުއްދަ ހޯދަން ނުޖެހޭނެކަމަށް ވުޒާރާއިން މަޢުލޫމާތުދެއެވެ. އެހެންނަމަވެސް، އެ ސަރަޙައްދުގައި ހިމެނޭ ފްލައިޓް އިންފޮމޭޝަން ރީޖަން (އެފް.އައި.އާރ) ގެ ތެރެއިން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެއަރ ޓްރެފިކް ކޮންޓްރޯލްގެ ޚިދުމަތްތައް ފޯރުކޮށްދީ، މައުލޫމާތު ވިލަރެސްކުރަމުން ދާނެކަން ވަނީ ފާހަގަކޮށްފައެވެ. ކަނޑުގެ 12 މޭލުން ބޭރުގައިވާ ކޮންޓިޖަސް ޒޯން އަދި އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ފަދަ ސަރަޙައްދުތަކަކީ ޤުދުރަތީ ވަސީލަތްތަކާއި އިޤްތިޞާދީ ގޮތުން ރާއްޖެއަށް ބާރު ލިބުނު ނަމަވެސް، ވައިގެ ދަތުރުފަތުރު ހުއްޓުވުމުގެ ނުވަތަ ހުއްދަ ދިނުމުގެ ފުރިހަމަ ބާރު ލިބިގެންވާ ސަރަޙައްދުތަކެއް ނޫންކަން ދިފާޢީ ވުޒާރާއިން ވަނީ ތަފްޞީލުކޮށްދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.