އިންވެސްޓަރުންނަށް ހާއްސަ 'ޕާލް ރެޒިޑެންސް ވިސާ' އަންނަ މަހު ތައާރަފްކުރަނީ

އިންވެސްޓަރުންނަށް ހާއްސަ 'ޕާލް ރެޒިޑެންސް ވިސާ' އަންނަ މަހު ތައާރަފްކުރަނީ

Author
އައިޝަތު އަޙްމަދު
24 މާރޗް 2026 12:35
0

ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ދޫކުރާ 'ޕާލް ރެޒިޑެންސް ވިސާ' އަންނަ މަހު ތައާރަފްކުރުމަށް ސަރުކާރުން އަމާޒުހިފައިފިއެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި، މި ވިސާ ތައާރަފްކުރުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހާ ގުޅިގެން ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން މިހާރު އަންނަނީ ކުރަމުންނެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ މި ދާއިރާގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ 'ހެންލީ އެންޑް ޕާޓްނާސް' އާ ގުޅިގެންނެވެ. އެގޮތުން މިދިޔަ ޖުލައި މަހު ސިންގަޕޫރުގައި ބޭއްވި ފޯރަމެއްގެ ތެރެއިން އެ ކުންފުންޏާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ދުބާއީގެ ގޯލްޑަން ވިސާއާ އެއްގޮތް ސިފަތަކެއް އެކުލެވޭ މި ޕްރޮގްރާމަކީ ރާއްޖޭގެ އިގްތިސޯދު ސިންދަފާތުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. ދުނިޔޭގެ 33 ގައުމެއްގައި ހަރަކާތްތެރިވާ ހެންލީ އެންޑް ޕާޓްނާސްގެ ބޮޑު ނެޓްވޯކުގެ ތެރެއަށް ރާއްޖެ ވަންނައިރު، ދުނިޔޭގެ ފަތުރުވެރިކަމުގައި ރާއްޖެއަކީ އެންމެ މަގުބޫލު އެއް ބްރޭންޑެވެ. އެހެންކަމުން ދިގު މުއްދަތަކަށް ރާއްޖޭގައި ތިބެވޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން މަޑުކުރާ މުއްދަތު އިތުރުކުރުމުގެ ގޮތުން އާ ދެ ވިސާއެއް ތައާރަފްކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވި ގޮތުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ފަތުރުވެރިކަމަށް އަތުވެދާނެ ލޮޅުންތައް ކުޑަކުރުމަށްޓަކައި، ރާއްޖޭގައި ތިބެގެން މަސައްކަތްކުރަން ބޭނުންވާ މީހުންނަށް 'ރިމޯޓް ވޯކިން ވިސާ' އާއި 'ކޮންޓެންޓް ކްރިއޭޓަރުން’ނަށް ހާއްސަ ވިސާއެއް ތައާރަފްކުރުމުގެ ވިސްނުން ވަނީ ގެންގުޅެފައެވެ. މިއާއެކު އޮން އެރައިވަލް ވިސާގެ މުއްދަތު އިތުރުކުރެވޭނެ ފަސޭހަ ގޮތްތަކެއް ކަނޑައެޅުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.