އިސްރާއީލުގެ ނިއުކްލިޔާ މަރުކަޒަށް އަމާޒުކޮށް އީރާނުން ރޭ ވަރުގަދަ މިސައިލް ހަމަލާތަކެއްދީ

އިސްރާއީލުގެ ނިއުކްލިޔާ މަރުކަޒަށް އަމާޒުކޮށް އީރާނުން ރޭ ވަރުގަދަ މިސައިލް ހަމަލާތަކެއްދީ

Author
އަހުމަދު
22 މާރޗް 2026 04:16
0

އީރާނުގެ ނަތަންޒް ނިއުކްލިޔާ މަރުކަޒަށް އިސްރާއީލުން ދިން ހަމަލާގެ ބަދަލުހިފުމުގެ ގޮތުން، އިސްރާއީލުގެ ދައިމޫނާ ނިއުކްލިޔާ މަރުކަޒަށް އީރާނުން ރޭ ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފިއެވެ.

ރިޕޯޓްތައް ބުނާގޮތުން، ބާރުގަދަ ވޯހެޑްތަކާއެކު އީރާނުން ފޮނުވާލި މިސައިލްތައް އަމާޒުކޮށްފައިވަނީ މައި ރިއެކްޓަރަކަށް ނޫނެވެ. އޭގެ ބަދަލުގައި ހަމަލާތައް ދީފައިވަނީ އެތަނުގައި މަސައްކަތްކުރާ ސައިންޓިސްޓުންނާއި އިންޖިނޭރުން ދިރިއުޅޭ މައި އިމާރާތްތަކަށެވެ. މި ހަމަލާތަކުގައި ދެތިން އިމާރާތެއް އެއްކޮށް ބިމާ ހަމަވެފައިވާއިރު، އިތުރު ސަތޭކައެއްހާ އިމާރާތަށް ވަނީ ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފައެވެ. އިސްރާއީލުން ވެސް ވަނީ މި ހަމަލާތަކުގައި 8 މީހުން މަރުވެ، 150 މީހުން ޒަޚަމްވެފައިވާކަން ކަށަވަރުކޮށްދީފައެވެ. މަރުވި އަދި ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ ނިއުކްލިޔާ ދާއިރާގެ ތަޖުރިބާކާރުންނާއި އެމީހުންގެ އާއިލާތަކެވެ.

މީގެ އިތުރުން ދައިމޫނާ ކައިރީގައިވާ އުރާދު ސަރަހައްދަށް ވެސް އީރާނުން ވަނީ ގިނަ ހަމަލާތަކެއް ދީފައެވެ. އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދައިމޫނާ މަރުކަޒު ކައިރީގައިވާ ނިއުކްލިޔާ އަވަށް ވަނީ އެއްކޮށް ވުޖޫދުން ފުހެލާފައެވެ. އަސްކަރީ މުހައްލިލުން ފާހަގަކުރާ ގޮތުގައި މިއީ އިސްރާއީލުގެ ހަތް ލޭޔަރުގެ ވައިގެ ދިފާއީ ނިޒާމު ފެއިލްކޮށްލުމަށްފަހު އީރާނުން ވައިގެ ސަރަހައްދުގެ ކޮންޓްރޯލް ނެގިކަމުގެ ސާފު ހެއްކެކެވެ. މިއީ އިސްރާއީލުގެ ވެރިންނާއި އާންމުންނަށް ވެސް ސިހުން ގެނުވި، ހީވެސް ނުކުރާ ފަދަ ވަރުގަދަ ހަމަލާތަކެއް ކަމަށް އެ ގައުމުގެ މީޑިއާތަކުން ވެސް ސިފަކުރެއެވެ.

މި ހަމަލާތަކުން އީރާނުން ސާބިތުކޮށްދިނީ ބޭނުންވެއްޖެނަމަ މައި ރިއެކްޓަރަށް ވެސް ފަސޭހަކަމާއެކު ހަމަލާދެވިދާނެ ކަމެވެ. އީރާނުގެ ރަސްމީ މީޑިއާއިން އިންޒާރުދީފައިވާ ގޮތުގައި، އިސްރާއީލުން ދެން އީރާނުގެ ނިއުކްލިޔާ މަރުކަޒަކަށް ހަމަލާއެއް ދީފިނަމަ، ދައިމޫނާގެ މައި ރިއެކްޓަރު އެއްކޮށް ގޮއްވާލާނެއެވެ. އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ބޮޑު ރޭޑިއޭޝަން ކާރިސާއެއް ހިނގައި، އެތައް ބަޔަކު މަރުވުމުގެ އިތުރުން ކެންސަރުގެ ނުރައްކަލަށް ގިނަ ބަޔަކު ހުށަހެޅިގެންދާނެ ކަމުގެ ބިރު ވަރަށް ބޮޑެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.