ބީއެމްއެލްގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު: ހަމައެކަނި ފައިދާއަކަށް ނޫން، ރައްޔިތުންނަށް ލުއިފަސޭހަ 'ލީސް ޓު އޯން' މޮޑެލްއެއް!

ބީއެމްއެލްގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު: ހަމައެކަނި ފައިދާއަކަށް ނޫން، ރައްޔިތުންނަށް ލުއިފަސޭހަ 'ލީސް ޓު އޯން' މޮޑެލްއެއް!

Author
ހުސައިން
22 މާރޗް 2026 04:07
0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢަކީ ހަމައެކަނި ވިޔަފާރީގެ ފައިދާއަށް ކުރާ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ހޯދައިދިނުމަށް ފެށި މުހިންމު ޤައުމީ މަސައްކަތެއްކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މާލީ ސިޔާސަތުތަކަށް އައި ބަދަލާއެކު، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބީއެމްއެލްއިން ވަނީ ބޯހިޔާވަހިކަމަށް ޚާއްޞަ ކުންފުންޏެއް އުފައްދާފައެވެ. ސީއީއޯ ޝަރީފް ފާހަގަކުރެއްވި ގޮތުގައި، މިހާ ކުރު މުއްދަތެއްގެ ތެރޭގައި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިގެން ދިއުމަކީ ހަރުދަނާ ލީޑަޝިޕާއި އެކުވެރި މަސައްކަތުގެ ނަތީޖާއިން ޙާޞިލުވި ބޮޑު ކާމިޔާބީއެކެވެ. އޭނާ ވިދާޅުވީ މިއީ ޤައުމީ ތަރައްޤީއާއި ރައްޔިތުންގެ ފާގަތިކަމަށް ބޭންކިންގ ނިޒާމުގެ ތެރެއިން ގެނެވޭ ވަރަށް އިންގިލާބީ ބަދަލެއް ކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭންކެއް މެދުވެރިކޮށް ތަޢާރަފުކުރާ 'ލީސް ޓު އޯން' މޮޑެލްގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ސަބަބުން ޢާންމުންނަށް ބޮޑެތި ލުއިތަކެއް ލިބޭނެއެވެ. ޝަރީފް ވިދާޅުވި ގޮތުގައި މި ނިޒާމުގެ ދަށުން އެއްފަހަރާ ބޮޑު އަދަދަކުން ފައިސާ ދައްކާކަށް ނުޖެހޭނެއެވެ. އޭގެ ބަދަލުގައި އާއިލާތަކަށް އުނދަގޫނުވާނެ ފަދަ ހެޔޮ އަގެއްގައި މަހުން މަހަށް ފައިސާ ދައްކައިގެން އަމިއްލަ ބޯހިޔާވަހިކަމެއް މިލްކުކުރުމުގެ މަގު ފަހިވެގެންދާނެއެވެ. މިއީ ޒަމާނުއްސުރެ ދިވެހި ރައްޔިތުން ތަޙައްމަލުކުރަމުންދާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ލިބިގެންދާނެ ވަރަށް ބޮޑު ތަސައްލީއެއްކަމަށް ބީއެމްއެލްއިން އުންމީދުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.