ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެމްޑަބްލިއުއެސްސީން އައު ހަރުފަތަކަށް: އިއާދަކުރަނިވި ހަކަތައިން ފެން އުފައްދަނީ

ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެމްޑަބްލިއުއެސްސީން އައު ހަރުފަތަކަށް: އިއާދަކުރަނިވި ހަކަތައިން ފެން އުފައްދަނީ

Author
ހުސައިން
22 މާރޗް 2026 10:18
0

ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަކުރަމުންދާއިރު، ރާއްޖޭގެ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެމްޑަބްލިއުއެސްސީން އަންނަނީ ތަފާތު އީޖާދީ ގޮތްތައް ބޭނުންކޮށްގެން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ.

އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވި ގޮތުގައި، މާލެ ސަރަހައްދުގެ ފެނުގެ ވިޔުގަ ސިނަމާލެ ބުރިޖް މެދުވެރިކޮށް ގުޅާލައި ދުވާލަކަށް 20,000 ޓަނުގެ ފެން މިހާރު ދަނީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން، މާލެ ސަރަޙައްދުގައި 10,000 ޓަނުގެ ތާނގީއެއް ބޭނުންކުރަން ފަށާފައިވާއިރު، 13,000 ޓަނުގެ އިތުރު ދެ ތާނގީއެއްގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި ހުޅުމާލޭގައި އިތުރުވަމުންދާ އާބާދީއާއި ހިޔާ ސަރަޙައްދަށް އަމާޒުކޮށް އިތުރު 13,000 ޓަނުގެ ތާނގީއެއްގެ މަސައްކަތް މިއަހަރު ފަށާނެއެވެ. މި މަޝްރޫޢުތަކާއެކު 2027 ވަނަ އަހަރު އަންނަންވާއިރަށް މާލެ ސަރަޙައްދުގެ ފެން ރައްކާކުރުމުގެ ޤާބިލުކަން 130 އިންސައްތައަށް އިތުރުވެގެންދާނެއެވެ.

ފެން އުފައްދާ މިންވަރު އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބަލާއިރު، މިއަހަރުގެ ތެރޭގައި 5,000 ޓަނުގެ ފެން އުފައްދާ އައު ނިޒާމެއްގެ މަސައްކަތް ނިންމައި މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ. މިއާއެކު މާލެ ސަރަޙައްދުގައި ފެން އުފެއްދުމުގެ ޤާބިލްކަން ވަނީ 25 އިންސައްތައަށް އިތުރުކުރެވިފައެވެ.

ފެނުގެ ޚިދުމަތުގައި އެމްޑަބްލިއުއެސްސީން ހޯދާފައިވާ އެންމެ ބޮޑު އެއް ކާމިޔާބީއަކީ، ހަމައެކަނި އިރުގެ ހަކަތަ ބޭނުންކޮށްގެން ފެން އުފެއްދުމަށް ހދ. ކުޅުދުއްފުށީގައި ފަށާފައިވާ ޚާއްޞަ މަޝްރޫޢެވެ. ޑީސަލް ބޭނުންނުކޮށް ފެން އުފެއްދުމަށް 500 ކިލޯވޮޓުގެ ސޯލާ ސިސްޓަމަކާއި 1450 ކިލޯވޮޓުގެ ބެޓަރީ ސިސްޓަމެއްގެ އިތުރުން 500 ޓަނުގެ އާރްއޯ ޕްލާންޓެއް މި މަޝްރޫޢުގައި ހިމެނޭއިރު، މިހާރު ކުރިއަށްދަނީ މިއީ ޓެސްޓު ކުރުމުގެ މަރުޙަލާއެވެ.

މަތީން ވިދާޅުވި ގޮތުގައި، ޑީސަލާ ނުލައި މިފަދަ އަސާސީ ޚިދުމަތެއް ފޯރުކޮށްދެވުމަކީ އިޤްތިޞާދީ ގޮތުންނާއި ޤުދުރަތީ ކާރިސާތަކުގެ ވަގުތުގައިވެސް ލިބިގެންދާނެ ވަރަށް ބޮޑު ރައްކާތެރިކަމެކެވެ. ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހޭދަ ކުޑަވެ، ރާއްޖޭގައި ލިބެންހުރި ވަސީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ފެން އުފެއްދުމަކީ ރާއްޖޭގައި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ފެށުނު މުޅިން އައު މަރުޙަލާއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.