މާލޭގެ އެމްޕީއެލް ސަރަޙައްދު ބޭރުން ދަތުރުކުރި އެމްޕީއެލްގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި ކަނޑުމަތީގެ އެކްސިޑެންޓެއް މިއަދު ހިނގައިފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވާގޮތުގައި، މިއަދު ހެނދުނު 10:39 ހާއިރު ރިޕޯޓުކޮށްފައިވާ މި ހާދިސާގައި ލޯންޗުގެ ކެޕްޓަނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. އަނިޔާވި ކެޕްޓަނަށް އައިޖީއެމްއެޗްގައި މިހާރު ފަރުވާދެމުން އަންނައިރު، އޭނާއަށް ލިބުނު އަނިޔާތައް ސީރިއަސް ނޫންކަމަށް ހޮސްޕިޓަލުން ވަނީ މަޢުލޫމާތު ދީފައެވެ.
މި އެކްސިޑެންޓު ހިނގި ވަގުތު ލޯންޗުގައި ކެޕްޓަންގެ އިތުރުން ތިން ފަޅުވެރިން ތިއްބެވެ. މި ހާދިސާގައި ލޯންޗުގެ ބޮޑު ބައެއް ހަލާކުވެ، އުޅަނދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ