ލަންކާގެ 'ގޯސްޓް އެއާޕޯޓް' ބޮޑެތި އެއާލައިންތަކުގެ ބެކަޕް ހަބަކަށް ހަދަން ކެމްޕެއިން ފަށައިފި

ލަންކާގެ 'ގޯސްޓް އެއާޕޯޓް' ބޮޑެތި އެއާލައިންތަކުގެ ބެކަޕް ހަބަކަށް ހަދަން ކެމްޕެއިން ފަށައިފި

Author
ހުސައިން
20 މާރޗް 2026 05:26
0

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައިސްފައިވާ ބަދަލުތަކުގެ ފައިދާ ނަގައި، ލަންކާގެ ފަޅަށް އޮންނަ މައްޓަލަ އެއާޕޯޓަކީ ބޮޑެތި އެއާލައިންތަކުގެ ބެކަޕް ހަބަކަށް ހެދުމުގެ މަސައްކަތް އެ ގައުމުން ފަށައިފިއެވެ.

ޒަމާންތަކެއް ވަންދެން ފްލައިޓެއް ނުޖައްސައި "ގޯސްޓް އެއާޕޯޓް" ގެ ނަމުން މަޝްހޫރުވެފައިވާ މި އެއާޕޯޓު، ގަތަރު އެއާވޭސް އަދި އެމިރޭޓްސް ފަދަ ކުންފުނިތަކަށް މާކެޓު ކުރުމަށް ލަންކާގެ އޭވިއޭޝަން އޮފިޝަލުން އަންނަނީ ހާއްސަ ހަރަކާތްތަކެއް ހިންގަމުންނެވެ. ރާޖަޕަކްސަގެ ވެރިކަމުގައި ތަރައްގީކުރި 3500 މީޓަރުގެ ދިގު ރަންވޭއެއް އޮންނަ މި ބޮޑު އެއާޕޯޓަކީ އިރުމައްޗާއި ހުޅަނގު ގުޅުވައިދޭ މެދުތެރޭގައި އޮތް ދަތުރުފަތުރަށް އެންމެ ފަސޭހަ އެއް މަންޒިލްކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ފާހަގަކުރެއެވެ. އަދި ލަންކާގެ މި ހުށަހެޅުމާމެދު ބޮޑެތި އެއާލައިންތަކުން މިހާރު އަންނަނީ ވިސްނަމުންނެވެ.

ރާއްޖެއަކީވެސް މިފަދަ ފަސޭހަ އަދި މުހިންމު ލޮކޭޝަނެއްގައި އޮތް ގައުމަކަށް ވީނަމަވެސް، މިފަދަ ފުރުސަތެއްގެ ބޭނުން ހިފުމަށް ދިވެހި އޮފިޝަލުން މަސައްކަތްކުރާ މަންޒަރެއް އަދި ނުފެނެއެވެ. އޭގެ ބަދަލުގައި، އީރާނުގެ މައްސަލަތަކާ ގުޅިގެން ރާއްޖެއަށް އަންނަ ގިނަ ފްލައިޓުތަކެއް ކެންސަލްވެ، ފަތުރުވެރިން އަންނަ މިންވަރު ދަށްވުމުގެ ސަބަބުން އިގުތިސާދަށް އަންނަނީ ލޮޅުންތަކެއް އަރަމުންނެވެ. އެހެންނަމަވެސް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ބުނަމުންދަނީ ފަތުރުވެރިކަމަށް އާ މަންޒިލްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

2022 ވަނަ އަހަރު ލަންކާއަށް ކުރިމަތިވި ބޮޑު އިގުތިސާދީ ކާރިސާއިން އަރައިގަތުމަށް އެ ގައުމުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ މި ދަނޑިވަޅުގައި، މައްޓަލަ އެއާޕޯޓް މާކެޓް ކުރުމުގެ މި ކެމްޕެއިން ކާމިޔާބުވެއްޖެނަމަ، މިއީ އެ ގައުމުގެ އިގުތިސާދަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެއެވެ. މުރާސިލުން ސިފަކުރާ ގޮތުގައި މިއީ ލަންކާއަށް ލިބޭނެ "ރަންބިސް އަޅާ ކުކުޅަކަށް" ވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.