މިއަހަރުގެ ފިތުރު ޒަކާތުން ބޮޑު އެހީއެއް ގާޒާއަށް، ފަގީރުންނަށް ބޮލަކަށް 6000 ރުފިޔާ

މިއަހަރުގެ ފިތުރު ޒަކާތުން ބޮޑު އެހީއެއް ގާޒާއަށް، ފަގީރުންނަށް ބޮލަކަށް 6000 ރުފިޔާ

Author
އަހުމަދު
20 މާރޗް 2026 11:15
0

މިއަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު 15.9 މިލިއަން ރުފިޔާގެ ތެރެއިން 500،000 ރުފިޔާ، ފަލަސްތީނުގެ ގާޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހަދިޔާކޮށްފިއެވެ.

ޒަކާތު ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި، ގާޒާގެ މުސްލިމް އަޚުންނާއި އުޚުތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑައެޅި މި ފައިސާ މިހާރު ވަނީ އިސްރާ އެސޯސިއޭޝަނާ ހަވާލުކޮށްފައެވެ. 1967 ވަނަ އަހަރުން ފެށިގެން އިސްރާއީލުން ގާޒާއަށް ވެރިވެގަނެ، އަދި ޚާއްސަކޮށް 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން އެތައް ބަޔަކު ޝަހީދުވެ އިމާރާތްތައް ވަނީ ސުންނާފަތިވެފައެވެ. މި ހިތްދަތި ހާލަތުގައި، ނިމިދިޔަ ރޯދަމަހު ގާޒާގެ ރައްޔިތުން އަޅުކަންކޮށް ނަމާދުކޮށްފައިވަނީ ވެސް ބިމާ ހަމަވެފައިވާ ނުވަތަ ވަގުތީގޮތުން މަރާމާތުކޮށްފައިވާ މިސްކިތްތަކުގައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނު އަހަރެވެ. މިގޮތުން ފައިސާއިން އެކަނިވެސް 15،009،749 (ފަނަރަ މިލިއަން ނުވަހާސް ހަތްސަތޭކަ ސާޅީސް ނުވަ) ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 10.5 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. ފާއިތުވި އަހަރުތަކަށް ބަލާއިރު، 2025 ވަނަ އަހަރު 13.5 މިލިއަން ރުފިޔާ، 2024 ވަނަ އަހަރު 12.5 މިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރު 12.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އަހަރުން އަހަރަށް ފިތުރު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އިތުރުވަމުން ދިޔުމާއެކު، ނިކަމެތިންނާއި ފަގީރުންނަށް ބެހި ފައިސާގެ އަދަދުވެސް މިއަހަރު ވަނީ އިތުރުވެފައެވެ. އެގޮތުން، ޒަކާތުގެ ފައިސާ ހަމަހަމައަށް ބެހުމަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، މިއަހަރު ފަގީރުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ މީހަކަށް 6،000 ރުފިޔާގެ މަގުން ފައިސާ ވަނީ ބަހާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.